ކުޑަކުދިންނަށް ދޭ ނޭޗާ ކޯލްޑް ސިރަޕް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެފްޑީއޭ އިން މިއަދު ބުނީ، ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "diethylene glycol and ethylene glycol" ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ކޮށްފައިވާތީ، މީގެ ކުރިންވެސް އެ އޮތޯރިޓީގެ ފަރާތުން ހަތަރު އެލާޓެއް ޕަބްލިޝް ކޮށްފައި ވާނެ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރެއްވި އިތުރު އެލާޓެއްގައި އިނގިރޭސި ވިލާތުގެ ފްރަކެން އިންޓަނޭޝަނަލުން އުފައްދައި، އަދި ކެމަރޫންގައި ދައުރު ވަމުންދާ ނޭޗާ ކޯލްޑް(NATURCOLD) ގައިވެސް (diethylene glycol and ethylene glycol) ޑައިތެލީން އަދި އެތެލީން ގްލައިކޯލް، ހިމެނިފައިވާކަން ފާހަގަ ކުރެވިފައި ވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ މިއީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓު (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މި ބޭސް އިމްޕޯޓުވުމުގެ ފުރުސަތު އޮތް ކަމަށް ވާތީ، މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އެތެރެ ކުރާ (އިމްޕޯޓް ކުރާ) ބޭސް، ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާނަމަ، އެއޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުމަށް ވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
އިތުރު މައުލޫމާތު:
{މިއަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު، ނައިޖީރިއާގައި، ނޭޝަނަލް އެޖެންސީ ފޯ ފުޑް އެންޑް ޑްރަގްސް އެޑްމިނިސްޓްރޭޝަން އެންޑް ކޮންޓްރޯލް (އެންއޭއެފްޑީއޭސީ(ނާފްޑޭކް) އިން ނައިޖީރިއާގެ ރައްޔިތުންނަށް، ނޭޗާކޯލްޑް އާ ބެހޭ ގޮތުން ވަނީ އެލާޓް ނެރެފައެވެ.
(އެންއޭއެފްޑީއޭސީ)ނާފްޑޭކްގެ ޑިރެކްޓަރު ޖެނެރަލް ޕްރޮފެސަރު މޮޖިސޯލާ އަޑޭޔޭ މިސިރަޕް ބޭނުންކުރުމުގެ ސަބަބުން، ކެމަރޫނުގައި ހަ ކުއްޖަކު މަރުވެފައިވާކަން ފާހަގަކުރައްވައި ވިދާޅުވެފައި ވަނީ ނާފްޑޭކްގެ ޑޭޓާބޭސްގައި މި ސިރަޕްގެ ނަމެއް ނެތް ކަމަށެވެ. އެހެންކަމުން، އިމްޕޯޓަރުންނާއި ޑިސްޓްރިބިއުޓަރުންނާއި ރީޓެއިލް ވިޔަފާރިވެރިންނާއި ކޮންސިއުމަރުންނަށް ސަޕްލައި ޗޭންގެ ތެރޭގައި މިސިރަޕް އެތެރެކޮށް ވިޔަފާރިކުރުން މަނާކޮށް މިކަމުގައި ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ހަމައެހެންމެ މަރޫންގައި މާކެޓް ކުރުމަށް ހުއްދަ ދީފައިނުވާ މި ސިރަޕަކީ ހުއްދަ ނެތް ތަންތަނުން ގަނެފައިވާ ސިރަޕެއް ކަމަށްވެސް ނާފްޑޭކް އިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ސިރަޕާ ބެހޭ ގޮތުން ވަނީ އެލާޓް ނެރެފައެވެ.}