ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި 303މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގު ދަށްކުރުމާއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ވަނީ ދަށްވެފައިކަމަށެވެ. އެގޮތުން އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 4.4 ބިލިއަން ރުފިޔާ ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 3.7 ބިލިއަން ރުފިޔާއަށް ވަނީ ވެއްޓިފައެވެ.

އެސްޓީއޯއަށް ދެވަނަ ކުއާޓަރުގައި ލިބުނު ޖުމުލަ ފައިދާވެސް ވަނީ ދަށްވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 809 މިލިއަން ރުފިޔާ ލިބިފައިވީކަމުގައިވިޔަސް، ދެވަނަ ކުއާޓަރުގައި އެކެއްއިން ސައްތައިގެ ދަށަށް ދިއުމާއެކު، ލިބިފައި މިވަނީ 804 މިލިއަން ރުފިޔާއެވެ.

އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި، ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު ފަނަރަ އިން ސައްތައިގެ ދަށްވުމަކާއެކު ލިބުނީ 428 މިލިއަން ރުފިޔާއެވެ.

މާލީ ރިޕޯޓް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓާގައި 373 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 303 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ ކުއާޓާއާ އަޅައިބަލާއިރު އަށާރަ އިން ސައްތައިގެ ދަށްވުމެކެވެ.