ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާހުކޮށްދެއްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ މި ކޮމިޓީ އިފުތިތާޙުކޮށްދެއްވާފައިވަނީ އިސްކަންދަރު ކޮށީގައި މިކަމަށްޓަކައި ރޭ ބޭއްވެވި ހާއްސަ ހަފުލާއެއްގައެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާކަމުގައެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި އަންހެން ފުލުހުންގެ ދައުރު މުހިންމުވާ ކަންކަމުގެމައްޗަށް އަލިއަޅުއްވާލައްވައި، އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން ފުލުންގެ މުއައްސަސާގެ އެކި ހިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، އެކަނބަލުންގެ ބައިވެރިވުމާއި، އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި އެކަމަނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމުގައެވެ. އަދި އެ ގޮތުގައި ކުރިޔަށް ދިޔުމަށް އެކަމަނާ ގޮވާލެއްވިއެވެ. ހަމަ އެއާއެކު އަންހެން ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމުކަމަށާއި، ކަނބަލުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން ސާޖިދާ ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ' "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތްވެސް އިފުތިތާޙުކޮށްދެއްވާފައެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައްވައި ޝާޢިއުކޮށްފައިވާ ފޮތެކެވެ.

މި ޙަފުލާގައި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލްމަރުހޫމް މުހައްމަދު ޒިޔާދުގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެނެސްފައިވެއެވެ. އަލްމަރުހޫމް މުހައްމަދު ޒިޔާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.