ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުކުރެވޭ ހަމްބޯ މޯލްޑިވްސް ކުންފުނީގެ މައިނޯރިޓީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދުން ދޫކޮށްލުމަށް ހުޅުމާލެ ކޯޓުން އަމުރުކޮށްފިއެވެ.

މަންޑޭ ދޫކޮށްލާފައި ވަނީ ކްރިމިނަލްކޯޓުން އޭނާގެ ބަންދަށް ޖެހި ފަނަރަ ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

މަންޑޭ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން 5 ޖުލައި 2023 ގެ ރޭގެ ވަގުތެއްގައި ފިލަން އުޅޭ ކަމަށްބުނެފައެވެ. މަންޑޭ ހައްޔަރުކުރަން އަމުރުނެރެ އޭނާ ހައްޔަރުކޮށްފައި ވަނީ އޭގެ އެއްދުވަސްކުރިން އޭނާގެ ހިފަހައްޓާފައިވާ ޕާސްޕޯޓު ކްރިމިނަލްކޯޓުގެ އަމުރަކަށް ދޫކޮށްލާފައި ވަނިކޮށެވެ.

މަންޑޭގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ ކޯޓަށް ހާޒިރުކުރީ 6 ޖުލައި 2023ގެ މެންދުރުފަހުއެވެ. ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އަދި މިހާރު ކޯޓުން އޭނާ ދޫކޮށްފައި މިވަނީ މުއްދަތު ހަމަވެގެން، 20 ޖުލައި 2023ގައި ކޯޓަށް ގެންދިއުމުން އަނެއްކާވެސް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ. އެދިހަ ދުވަހުގެ މުއްދަތު ހަމަވާ ދުވަހަކީ މިއަދު ކަމަށްވުމުން ކޯޓަށް މަންޑޭ ހާޒިރު ކުރީ މުއްދަތުކޮމިޓީއިން ގޮތެއް ނިންމުމަށެެވެ. އަދި ހުޅުމާލޭކޯޓުން ވަނީ ޝަރުތުތަކަކާއެކު މަންޑޭ ބަންދުން ދޫކޮށްފައެވެ.

އެ ޝަރުތަތަކީ ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވުމާއި މާލެއިން ބޭރަށް ދާނަމަ ހުއްދަ ނަގައިގެން ދިއުމެވެ.

އެންމެ ފަހުން ބޭއްވި މަންޑޭގެ ބަންދު މަޖިލީހުގައި ފުލުހުން ވަނީ މަންޑޭ ހެކި ނައްތާލަފާނެ ކަމަށް އަދި ފިލައިފާނެ ކަމަށް ބެލޭވޭ ކަމަށް ބުނެފައެވެ. އެގޮތުން މައްސަލައިގެ ހެކި ފޮރުވުމަށް މަންޑޭ މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި މަންޑޭގެ އޮފީސް ބަލައި ފާސްކުރި އިރު، ބައެއް ކޮމްޕިއުޓަރުތަކާއި މައްސަލައާ ގުޅުންހުރި ބައެއް އެގްރީމެންޓުތައް މަދު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މަންޑޭ ބަންދުން ދޫކޮށްލާފައިވާ އިރު، ކޯޓުން ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އޭނާގެ ޕާސްޕޯޓު ވެސް ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ކޯޓުން ޕާސްޕޯޓު ދޫށްލުމާ ގުޅިގެން، އެދުވަހުވެސް ފުލުހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. އަދި ޕީޖީއިންވެސް ވަނީ އެމައްސަލަ އިސްތިއުނާފު ކުރާނެކަމަށް ބުނެފައެވެ.

ކުންފުނީގެ މައި ހިއްސާދާރަށް ނޭނގި މަކަރާ ހީލަތުން ކޭ-ޕާކު ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަންބޯކުންފުނީގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރ ޗައިނާގެ ވިޔަފާރިވެރިވެރިޔާ ޖިންޝިއޫހ އެވެ. ޖިންގެ 95 ޕަސެންޓު ހިއްސާ އޮންނަ މިކުންފުނީގައި މަންޑޭގެ ހިއްސާއަކީ ފަސް ޕަސެންޓެވެ. ހަމަ މިިމައްސަަލައިގައި، ކޭ-ޕާކް ރެސިޑެންސް ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން ހުށަހަޅަފައިވާ މައްސަލައާއި ގުޅިގެން، މިމައްސަލައިގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް އާބަންކޯއިންވެސް ވަނީ މައްސަލަ ހުށަހަޅާފައި ކަމަށް އެކޯޕަރޭޝަނުން ހާމަކުރެއެވެ.

މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުއެވެ.

ކޭ ޕާކުގެ މައްސަލައަކީ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.