އާޓިފިޝަލް އިންޓެލިޖެންސް (އައިއޭ) އަކީ މިއަދުގެ ސައިންސް ތަރައްގީކުރުމުގައި އެންމެ ކުރިއަރާފައިވާ އެއް ޓެކްނޮލޮޖީއެވެ. އެކަމަށްޓަކައި ބޮޑެތި ރޮބޮޓިކްސް ކުންފުނިތަކުން ދަނީ އެކަންކަން އިތުރަށް ތަރައްގީކޮށް އުފެއްދުންތަކުގައި އިންޓަގްރޭޓް ކުރުމަށް ބޮޑެތި އަދަދުތަކުން އިންވެސްޓް ކުރަމުންނެވެ.

އިންޓަނެޓް އޮފް ތިންގްސް (އައިއޯޓީ)އަކީ އިންޓަނެޓް މެދުވެރިކޮށް އެހެން ޑިވައިސްތަކާއި ސިސްޓަމްތަކާ ޑޭޓާ ގުޅުވައި ބަދަލުކުރުމުގެ ބޭނުމުގައި ސެންސަރުތަކާއި ސޮފްޓްވެއާ އަދި އެހެނިހެން ޓެކްނޮލޮޖީތަކާއެކު އެކުލެވިގެންވާ ފިޒިކަލް އޮބްޖެކްޓްތަކުގެ ނެޓްވޯކެކެވެ. އިންޓަނެޓް އޮފް ތިންގްސްގެ އެންމެ އާންމު އެއް މިސާލަކީ ސްމާޓް ގަޑިއެވެ. ފިޓްބިޓްސް އަދި އެޕަލް ވޮޗް ފަދަ ވެއަރބަލް އައިއޯޓީ ޓެކްނޮލޮޖީ އެހެން ޑިވައިސްތަކާ (ތިމާގެ ސްމާޓްފޯން ފަދަ) ގުޅައިގެން ޑޭޓާ ހިއްސާ ކުރެއެވެ. އަދި އާންމުކޮށް އިންޓަނެޓާ ގުޅައިގެން ވެސް ޖީޕީއެސް ލޮކޭޝަންތައް ޓްރެކް ކުރެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި، ނުހަނު ހަލުވި މިނެއްގައި ކުރިއަރަމުންދާ ޓެކްނޮލޮޖީގައި ހޯދޭހޯދުންތަކުގެ ޒަރީއާއިން އިންސާނާ ދަނީ މީގެ އަހަރުތަކެއް ކުރިން ހިތަށް، ސިކުނޑިއަށް ތަސައްވުރުވެސް ނުކުރެވޭކަހަލަ ތަފާތު އާދަޔާހިލާފު އީޖާދުތައް ވުޖޫދަށް ގެންނަމުންނެވެ. އަދި މި އައު އީޖާދުތައް ކުޑަވަމުންދާ ވަގުތުގެ ހަނިދާއިރާތެރޭގައި އެތައް ކަމެއް ލުއިކޮށް ފަސޭހަކޮށްދެއެވެ.

ކުރިން މިދެންނެވި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް)އާއި އައިއޯޓީ(އިންޓަނެޓް އޮފް ތިންގްސް) ބޭނުން ކޮށްގެން އުފައްދާފައިވާ ސްމާޓްސްޓޯރަކީ ދިވެހިރާއްޖޭގެ ވިޔަފާރިއަށް ތާރީހީ އަދި އިންގިލާބީ ބަދަލެއް ގެނައި ފިހާރައެއްކަން ޔަގީނެވެ. މިވަގުތު އަދި 24 ގަޑިއިރުގެ ހިދުމަތް ނުދިނަސް، ވަރަށް އަވަހަށް އެކަމުގެ ހުއްދަ ލިބުމާއެކުހެން 24ގަޑިއިރު ހިދުމަތް ދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ފިހާރައިގައި ސެކިއުރިޓީ ގާޑެއް ފިޔަވައި އިތުރު މުވައްޒަފުންނެއް، ސޭލްމަނެއް އަދި ކޭޝިއަރެއްވެސް ނުހުންނަތަނުގައި މިއީ ކިޔުގައި ނުޖެހި ފަސޭހަކަމާ އެކު ވިޔަފާރި ކުރެވޭނެ، ރާއްޖެއަށް މުޅިން އާ ޓެކްނޮލަޖީއެކެވެ.

27 ޖުލައި 2023 ވީ ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭ ފޭސްއެކެއްގެ، ހޮސްޕިޓަލު ކުރިމަތީ ހުންނަ ފިހާރަބަރި ކައިރީ، ކުރީގެ އެސްޓީއޯ ފިހާރަ ހުރި ތަނުގައި ހަދާފައިވާ އެސްޓީއޯ ސްމާޓްސްޓޯރ ރަސްމީކޮށް ހުޅުއްވައިދެއްވަމުން ނައިބުރައީސް ފައިސަލް ނަސީމު ވިދާޅުވީ ހަލުވި ކުރިއެރުމަށް އެކްލިމެޓައިޒް ވެފައިވާ ގައުމެއްގައި ސްމާޓް ސްޓޯރެއް ތައާރަފް ކުރުމަކީ އެސްޓީއޯ އިން އެޅި ހެޔޮ ފިޔަވަޅެއްކަމުގައެވެ. ނައިބުރައީސް އިތުރަށް ވިދާޅުވީ ޓެކްނޮލޮޖީއާ ގުޅިގެން ވިޔަފާރީގެ ސިނާއަތް މެދުނުކެނޑި ކުރިއަރަމުންދާ ކަމަށާއި، ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

އަދުގެ ތަރައްގީވަމުން އަންނަ ދުނިޔޭގައި ދުވަހުގެ ދިރިއުޅުމުގައި މީހުންނަށް ސަމާލުކަން ދޭން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި އަދި ގިނަ މީހުންނަށް ފިހާރައަށް ދާން ވަގުތު ނުލިބޭކަން ފާހަގަ ކުރައްވަމުން ނައިބުރައީސް ވިދާޅުވީ އެސްޓީއޯ އިން އަބަދުވެސް އާ ވަސީލަތްތައް ބޭނުން ކުރަމުން އަންނަނީ އެމީހުންގެ ހިދުމަތް ރަނގަޅު ކުރުމަށް ކަމަށާއި އާ ސްމާޓް ސްޓޯރު ތައާރަފް ކުރުމަކީ އެމީހުންގެ ކަސްޓަމަރުންގެ ފައިދާއަށް ޓެކްނޮލޮޖީ ގަބޫލުކުރުމަށް ވައުދުވުން ކަމުގައެވެ. ހަމަ މިރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު، ސްމާޓް ސްޓޯރުގައި ތައާރަފްކުރި ޓެކްނޮލޮޖީއަކީ މޯލްޑިވްސްއަށް މުޅިން އައު ޓެކްނޮލޮޖީއެއް ކަމަށާއި، މި ސަރަހައްދުގައި މިފަދަ މަދު ސްމާޓް ފިހާރަތަކެއް ހުރި ކަން ފާހަގަކުރައްވައި ވިދާޅުވީ މި އާ ޓެކްނޮލޮޖީގެ ސަބަބުން ވިޔަފާރިތަކަށާއި އާންމުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބި، ޝޮޕިން ތަޖުރިބާ ރަނގަޅުވެ، އޮޕަރޭޝަންތަކުގެ ރަނގަޅުކަން އިތުރުވެގެންދާނެ ކަމުގައެވެ.

އެސްޓީއޯ ސްމާޓް ސްޓޯރުން ވިޔަފާރި ކުރުމަށް ކަސްޓަމަރުން "އެސްޓީއޯ ސްމާޓް ޝޮޕް" އެޕްލިކޭޝަން އެޕްސްޓޯރ ނުވަތަ ޕްލޭސްޓޯރުން ޑައުންލޯޑްކޮށް ރަޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަ ކުރަން ޖެހެއެވެ. މިކަމަށް ފަސޭހަ ކުރުމަށްޓަކައި ފިހާރައިހެ ބޭރުގައިވެސް މިރަޖިސްޓްރީ ކުރެވޭނެ ގޮތާއި ކަސްޓަމަރު ކަންތައް ކުރަން ޖެހޭ ގޮތް ތަރުތީބުން ވަނީ ހާމަކޮށްދީފައެވެ. ފިހާރައަށް ވަދެވޭނީ ރަޖިސްޓަރކުރުމުން ކަސްޓަމަރުންނަށް މި އެޕުން އުފައްދާ ކިއުއާރު ކޯޑެއް ސްކޭންކޮށްގެންނެވެ. އެއަށްފަހު އެޕްލިކޭޝަނުގައި އެމީހެއްގެ ފޯނު ނަންބަރާއި ބޭންކު ކާޑުގެ މައުލޫމާތު ޖަހައި ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. ކާޑު މައުލޫމާތު ޖެހި ނަމަވެސް އެ މައުލޫމާތު ރައްކާކޮށްފައި ނުބަހައްޓާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ފިހާރައަށް ވަންނަ ކަސްޓަމަރަށް ދެ ގޮތަކަށް ފިހާރައިގެ ދޮރު ހުޅުވޭނެއެވެ. ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ ފޭސް ރިކޮގްނިޝަންގެ(މޫނު ދެނެގަނެގެން) އެހީގައެވެ. އެޕްލިކޭޝަނުގައި ހިމަނާފައިވާ މޫނު ދެނެގަންނަ(ފޭސް ރިކޮގްނިޝަން) ފީޗާގައި އެމީހެއްގެ މޫނު ރަޖިސްޓްރީ ކުރުމުން ފޯނު އަތުގައި ނޯންނަ ހާލަތުގައި ވެސް މޫނު ސްކޭންކޮށްގެން ފިހާރައަށް ވަދެ ވިޔަފާރި ކުރެވޭނެއެވެ. ވިޔަފާރި ކުރަން ދާ ފަރާތް ފިހާރައަށް ވަނުމާއެކު ފިހާރައިގެ ދޮރު ވަގުތުން ލެއްޕޭނެއެވެ.

މިއީ އަދުގެ ބުރަ ވަގުތު ކުޑަ ދިރިއުޅުމުގައި ބޭނުންވާސާމާނު ގަތުމަށް ނުކުމެ ފަސޭހަކަމާއެކު އެހާމެ އަވަހަށް ވިޔަފާރިކޮށްލެވޭނެ މަގުފަހިކޮށްދީފައިވާ ޕްރޮސެސްއެކެވެ. އެހެނީ ފިހާރައަށް ވަދެ ބޭނުންވާ ތަކެތީގެ އަގުނޭނގިގެން ވަގުތު ހޭދަކުރާކަށް ނުޖެހޭނެއެވެ. އަދި ތަކެތި ނަގައިގެން ގޮސް ކޭޝްކައުންޓަރު ލައިނުގައި ކިއޫގައި ޖެހިފައިވެސް ހުންނާކަށް ނުޖެހޭނެއެވެ. ހަމައެހެންމެ ފައިސާ ދެއްކުމަށް ކޭޝްކާޑުން ކާޑުމެޝިނު ބޭނުންކުރުން، ނޫނީ ކޭޝިއަރ އަގުބުނުމުން ފައިސާ ގުނައި ދިނުން ނުވަތަ ޓްރާންސްފާރ ކުރުމަށް ފޯނުނަގައި އެކުރަން ޖެހޭ ކަމާއި މިކަންތައްތަކަށް ހޭދަކުރަން ޖެހޭ ވަގުތުވެސް ސަލާމަތް ކުރެވޭނެއެވެ.

މިފިހާރައިން ބޭނުންވާ ތަކެތި ނަގާވަރަކަށް އެތަކެތި ދާނީ ކަސްޓަމަރގެ ކާޓަށް އެއްވަމުންނެވެ. ބޭނުންވާ އެތި ބަލާލާފައި މިނޫނޭ އެހެންވައްތަރެކޭ ބޭނުމީހިތަށްއަރައިގެން ކުރިން ނެގި އެތި އެ ނެގި ތަންވިޔަސް ނުވަތަ އެހެން ޝެލްފަކަށް ވިޔަސް ލައިފިނަމަ އެއެއްޗެއް ކަސްޓަމަރުގެ ކާޓުންއުނިވެގެންދާނެއެވެ. ބޭނުންވާ ސާމާނު ނަގައި ނިމުމުން ކަސްޓަމަރު ފިހާރައިން ނުކުންނަންވީއެވެ. އެހިސާބުން އެކަސްޓަމަރަކު ނެގި ތަކެތީގެ ފައިސާ ދެއްކުން އޮޓޮމެޓިކުން އެޕް މެދުވެރިކޮށް ޕްރޮސެސް ވެގެންދާނެއެވެ.

އަނެއްކާވެސް އެހެން ހާއްސަކަމެކެވެ. މިއީވެސް ވަކި ހައިރާންކަން ކުޑަކަމެއްނޫނެވެ. ފިހާރައިގެ ހަރަކުން ބޭނުންވާ އެއްޗެއް، މިސާލަކަށް ފެންފުޅިއެއް ނަގާފައި އެއިން ފެން ފޮދެއް ބުއިމަށްފަހު ފުޅި ބެެހެއްޓިކަމުގައިވިޔަސް އޭގެ އަގު ކާޓަށް އެއްވެގެންދާނެއެވެ. މާނައަކީ މިއީ އެއްވެސް ކަމެއް ސިއްރުން ކުރެވޭނެ ތަނެއްކަމަށް ހިތަށް އެރުަމަކީވެސް ގޯހެކެވެ. އެހެނީ މިއީ ހުރިހާ ކަމެއް ހުރިހާ ތަނެއް ހުރިހާ ހަރަކާތެއް ވަކިވަކިންސްކޭން ކުރަމުންދާ ވަފާތެރި ޓެކްނޮލޮޖީ އީޖާދުން ހަދާފައިވާ ތަނަކަށްވާކަމެވެ.

ސްމާޓް ސްޓޯރުގެ ދަށުން އެއްފަހަރާ ގިނަވެގެން އަށް ކަސްޓަމަރުންނަށް ފިހާރައިގެ އެތެރެއަށް ވަދެވޭނެއެވެ. ނަމަވެސް އެކުގައި ޝޮޕިންގް ކުރާ ކަސްޓަމަރުންނަށް ސެކިއުރިޓީ މުވައްޒަފުންގެ އެހީތެރިކަމާއެކު އެކުގައި ވަދެވޭނެއެވެ.

ސްމާޓް ސްޓޯރުގައި ހުރިހާ ޝެލްފްތަކެއްގައި އައިއޯޓީ ސެންސަރުތައް ބަހައްޓައިގެން ކަސްޓަމަރުން އެތަނުން ނަގާ ތަކެތީގެ އަދަދު ދެނެގަނެއެވެ. މީގެ އިތުރުން ފިހާރައަށް ވަދެ ފިހާރައަށް ވަދެ އުޅޭއިރު ކަސްޓަމަރުންގެ ސުލޫކު މޮނިޓަރ ކުރުމަށް ކެމެރާތައް ބެހެއްޓިފައެވެ. މި ޓެކްނޮލޮޖީތަކުގެ އެހީގައި ކަސްޓަމަރުން ގަންނަ އެންމެ މަގުބޫލު އަދި އެންމެ މަގުބޫލު ނޫން ތަކެތީގެ ޑޭޓާ އެއްކުރުމަށް އެހީތެރިވެދެ އެވެ. މި ޑޭޓާގެ ސަބަބުން ކަސްޓަމަރުންގެ އިސްކަންދޭ ކަންކަމާއި ޝޮޕިން ޕެޓަންސްގެ އަގުހުރި ވިސްނުންތަކެއް ފިހާރައަށް ލިބި، އެމީހުންގެ ޕްރޮޑަކްޓް އޮފާތައް އޮޕްޓިމައިޒްކޮށް، ޖުމްލަ ވިޔަފާރިކުރުމުގެ ތަޖުރިބާ އިތުރު ކުރެވޭނެއެވެ.

2016 ވަނަ އަހަރު އެމޭޒަން ކުންފުނިން ތައާރަފުކުރި މި އީޖާދީ ޓެކްނޮލޮޖީ މިހާ އަވަހަށް ރާއްޖެއަށް ތައާރަފް ކުރުމަށް އެސްޓީއޯއިން ހުޅުވި މި ސްމާޓްސްޓޯރ، ދިވެހިރާއްޖޭގެ ވިޔަފާރިއަށް ތާރީހީ އަދި އިންގިލާބީ ބަދަލެއް ގެނެސްފިިކަމާމެދު އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީނެވެ.