މިއަހަރު އެކަނިވެސް ހަނގުރާމަތަކުގައި ބޭނުން ކުރެވޭ ފެންވަރުގެ 30 މަނަވަރު ކަނޑުގެ ސިފައިންގެ ފައުޖަށް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިހެން ވިދާޅުވީ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި މެއިން ނޭވަލް ޕެރޭޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއަދު ރަޝިޔާއިން މިދަނީ ކަނޑުގެ ސިޔާސަތުގެ ބޮޑެތި މަގުސަދުތައް އިތުބާރާއެކު ތަންފީޒުކޮށް، ކަނޑުގެ ސިފައިންގެ ބާރު ސާބިތުކަމާއެކު ބިނާކުރަމުން. މިގޮތުން މިއަހަރު އެކަނިވެސް އެކި ފަންތީގެ 30 މަނަވަރު ކަނޑުގެ ލަސްކަރަށް އިތުރު ކުރެވޭނެ" ރައީސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިޔާގެ ކަނޑުގެ ސިފައިންގެ ޚިދުމަތަށް ނެރޭ 30 މަނަވަރުގެ ތެރޭގައި 1828-1829 ވަނަ އަހަރު ރަޝިޔާ-ތުރުކީ ހަނގުރާމައިގައި ބޭނުން ކުރި މަޝްހޫރު "މިސައިލް ކޯވެޓް މެރްކުރީ" ގެ ނަން ދީފައިވާ މަނަވަރެއް ހިމެނޭނެކަން ޕޫޓިން ރޭ އިއުލާން ކުރެއްވިއެވެ.

މިއަހަރު ނޭވާ ކޯރާއި ކްރޮންޝްޓަޑް ރޯޑްސްޓެޑްގައި ބޭއްވި ރަޝިޔާގެ މެއިން ނޭވަލް ޕެރޭޑްގައި އުތުރު، ޕެސިފިކް، ބާލްޓިކް އަދި ބްލެކް ސީ ފްލީޓްގެ ހަނގުރާމަ މަތީ 45 މަނަވަރާއި ބަޑި ބޯޓާއި ސަބްމެރިން އަދި ގާތްގަނޑަކަށް 3،000 ސިފައިން މި ޕްރޭޑުގައި ބައިވެރިވި އެވެ.