ދިވެހި ކުރެހުންތެރިންގެ ހުނަރުތައް ދައްކާލުމަށް ބާއްވަމުން އަންނަ "އަންވެއިލިން ވިޝަންސް" އާޓް މައުރަޒު މިއަންނަ މަހުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ނިންމައި، އިއުލާންކޮށްފިއެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އާޓް މައުރަޒަކީ ތަފާތު ސައިޒުތަކުގެ ކުރެހުންތައް ދައްކާލުމަށް ކުރެހުންތެރިންނަށް ލިބޭ ބޮޑު ފުރުސަތެކެވެ.

މެކްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަހަރުގެ އަންވެއިލިން ވިޝަންސް އިވެންޓް އޮންނާނީ މިއަންނަ މަހުގެ 10 އިން 20 ގެ ނިޔަލަށް ނޭޝަނަލް އާޓް ގެލެރީގައި ކަމަށެވެ.

މިއަހަރުގެ މައުރަޒަށް އާޓުތައް ހުށަހެޅުމަށްޓަކައި މިދިޔަ މަހުގެ ތެރޭގައި ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން މެކްއިން ބުނީ 15 އަހަރުން މަތީގެ ކޮންމެ ކުރެހުންތެރިއަކަށް ވެސް އެ މީހެއްގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި އަހަރުގެ އަންވެއިލިން ވިޝަންސްއަށް ހުށަހަޅާފައިވަނީ ކިހާ އެއްޗެއްސެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އަހަރަކަށް ފަހު އަހަރަކު މި މައުރަޒުގެ މަގުބޫލުކަން އިތުރު ވަމުން އަންނަ އިރު މިފަހަރުވެސް ގިނަ އަދަދަކަށް ކުރެހުންތެރިންގެ ކުރެހުންތައް ހުށަހަޅާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މެކްއިން ބުނިއެވެ.

އެންމެ ފަހުން އަންވެއިލިން ވިޝަންސް މައުރަޒު ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުގެ ކުރީކޮޅުގައެވެ. މިދިޔަ އަހަރުވެސް މައުރަޒު ބޭއްވުމަށްޓަކައި އާޓު ހުށަހެޅުމަށް ހުޅުވާލި ނަމަވެސް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.