މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވަރލްޑް ކަޕް ގްރޫޕް ސްޓޭޖް ފަހު މެޗުގައި ވަރުގަދަ ސްޕެއިނުގެ މައްޗަށް 4-0 ގެ ބޮޑު ތަފާތަކުން ކުރި ހޯދައި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އޭޝިޔާގެ އުއްމީދުތަކާ ގުޅިފައިވާ ޖަޕާން ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
ޖަޕާނާ ދެކޮޅަށް ނިކުތްއިރުވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައިވާ އަދި މިފަހަރު ވަރލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިން ބޮޑު ތަފާތަކުން ބަލިވިޔަސް މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނީ އެޓީމުންނެވެެ. ޖަޕާނުން މޮޅަށް ޑިފެންސް ކުރި މިމެޗުގައި އެޓީމަށް ބޯޅަ ޕޮސެސަން ހިފެހެއްޓިފައި ވަނީ އެންމެ %22 ގައެވެ. އެކަމަކު ކައުންޓަ އެޓޭކުގައި ޖަޕާނުން އުފެއްދި 7 ހަމަލާއިން 4 ހަމަލާ ނެރެން ޖެހުނީ ގޯލު ތެރެއިންނެވެ.
މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވަރލްޑް ކަޕުގައި ޖަޕާނުގެ ފިރިހެން ޓީމުންވެސް ވަނީ މިފަދަ ގޮތަކަށް ކުޅެ 2-1 ސްޕެއިން ބަލިކޮށް ދުނިޔެ ސިއްސުވާލާފައެވެ.
މިއަދު ޖަޕާނަށް ލަނޑުތައް ޖަހައިދިނީ ހިނާޓާ މިޔަޒަވާ (2 ލަނޑު) އަދި ރިކޯ އުއިކީ އާއި މިނާ ޓަނަކާއެވެ. ސްޕެއިނުންވެސް ލަނޑު ޖަހަން މަސައްކަތް ކޮށް ޖަޕާނު ގޯލަށް 10 ހަމަލާ ފޮނުވާލިއެވެ.
މިމޮޅާއެކު މިގްރޫޕް (ގްރޫޕް ސީ) ގެ އެއްވަނަ ޖަޕާނަށް ލިބުނީ ކުޅުނު 3 މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ސްޕެއިނަށް ދެވަނަ ލިބުނީ 6 ޕޮއިންޓާއެކުއެވެ.
ދެވަނަ ބުރުގައި އޮގަސްޓް 5 ވަނަ ދުވަހު ޖަޕާން ނިކުންނާނީ ނޯވޭއާ ދެކޮޅަށެވެ. ހަމައެދުވަހު ސްވިޓްޒަލޭންޑާ ދެކޮޅަށް ސްޕެއިން ނިކުންނާއެވެ.