ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހުމުން މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވުމާމެދު ހިތާމަކުރައްވާކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން މިހެން ބުނެފައި ވަނީ ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ތައުޒިޔާ ދަންނަވައި އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައެވެ. މިބަޔާނުގައި ރައީސްޔާމީނުގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވި ހަބަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތަމާއާއި އަސަރާއެކު ކަމަށް ހާމަކުރަމުން މާތްالله މަރްހޫމާގެ ފުރާނަފުޅަށް ރަހުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއް ވުމަށްއެދި އެޕާޓީން ވަނީ ދުއާކޮށްފައެވެ.

"ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މިސަރުކާރުގެ އަނިޔާވެރިކަމުގައި ހައްގު ނޫން ހުކުމެއްގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާއި އެމަނިކުފާނަށް އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެކެވެ." ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި، ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެ ކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ، އެމަނިކުފާނާއި، އެމަނިކުފާނުގެ އާއިލާއަށް، ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ލީޑާރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ވަނީ ތައުޒިޔާ ދަންނަވާފައެވެ.

"އަދި މާތް الله އެމަރްހޫމާގެ އާއިލާއަށާއި ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ."

ރައީސް ޔާމީންގެ މަންމާފުޅު ފާތުމަތު ހަސަން އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހު، މިއަދުގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންކާގައެވެ. ރައީސްޔާމީންގެ މަންމާފުޅު އަވަހާރަވި ހަބަރާއެކު ގިނަ ބައެއް އަންނަނީ ރައީސް ޔާމީން އަށާއި ޢާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. (މަރުހޫމާގެ ފާފަފުއްސަވައި ދާއިމީ ސުވަރުގޭގެ ބާއްޖަވެރިކަމާއި ނިއުމަތް މިންވަރުކޮށްދެއްވާށި! އާމީން!)