މިއަންނަ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި އޮންލައިންކޮށް ރީރަޖިސްޓްރޭޝަން ކުރުމުގެ މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
މި މުއްދަތު އިތުރުކޮށްފައިވަނީ މިރޭ ބާރަ ޖަހާއިރު ރީ- ރަޖިސްޓްރީކުރުމުގެ ސުންގަޑި ހަމަވާއިރުވެސް ގިނަ ބަޔަކު ރީ ރަޖިސްޓްރީ ކޮށްފައި ނުވާތީއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރައްވާފައިވާ ރީ- ޓުވީޓެއްގައި ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި، ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ އޮންލައިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މިރޭ ހަމަވާއިރު، އެކަން އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް އީސީން މިއަދު ނިންމާފައިވާ ކަމަށެވެ. އަދި ހާޒިރުވެ ފޯމު ހުށަހަޅައިގެން ރީރަޖިސްޓާވުމުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށެވެ.
އީސީން ބުނީ އޮންލައިންކޮށް ރީރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް https://form.elections.gov.mv/ މެދުވެރިކޮށް ރީރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެކަށް ވޯޓުލާނަމަ އެކަމަށް އެދި ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގައެވެ.