"ބާރަށް ދުއްވާ ފެނުއަޅުވާލާ ދުއްވާ، ވައިހުރި ކޮޅަކަށް ނުބަލާ ފަލިއަޅުވާލާ

އިރުނުއޮއްސެނީސް ދެވޭތޯ މަންޒިލަށް ވަރުލާ ހިތްވަރުލާ ބާރަށް މެކުހަށް ޖަހާ"

ލުބްނާނުގެ އަތަކުން ދިވެހި ގަރުދިޔައާއި ބަތުގެ ކެއްކުން ކައްކާ މަންޒަރު ފެނިގެންދާ މިވީޑިޔޯ މުޅި ދުނިޔެއަށް ދައްކާލީ ދިވެހި ބޮޑުބެރުން މަޝްހޫރުވި ލަވައިގެ އަޑާއެކުގައެވެ. ލުނބޮޔާއި މިރުހާއި ފިޔައާއެކު ތާޒާ ހޫނު ގަރުދިޔަ(މަހުގެ ބޮލާއެކު ކައްކާފައިވާ) އާއި ބަތުގެ ވަހައާއި ރަހަ ނުޖެހުނަސް ފެނުނީމާ ހިތަށް އަމިއްލަވަންތަކަމުގެ ފަހުރު އަންނާނެކަންޔަގީނެވެ.

ޓިކްޓޮކްގެ މަޝްހޫރު ލުބްނާނުގެ ޒުވާންރީތި އުމުރުން 24 އަހަރުގެ އަންހެން ޝެފް ބޯވަޅު އެޅި ރަތާއި ކަޅާއި ހުދުން ކުލަ ހިމެނޭ ބޯވަޅު އެޅި ހެދުމުގައި އޭނާގެ 23 މިލިއަނަށްވުރެ ގިނަ ފޮލޯވާރސް ތިބި އެކައުންޓް @abir.sag ގައި މުޅި ދުނިޔެއަށް ދައްކާލި މިވީޑިޔޯއަށް 1636 ކޮމެންޓް މިހާތަނަށް ލިބިފައިވާއިރު ފަންސާސްހާހަށްވުރެ ގިނަ މީހުންގެ ލައިކްސް އާއި ނުވަސަތޭކަ ހާހަށްވުރެ ގިނަ މީހުން ވަނީ މީގެ 14ގަޑިއިރު ކުރިން ޓިކްޓޮކަށް އަޕްލޯޑް ކުރި މި ވީޑިޔޯ ބަލާފައެވެ.

އަދި ކުރިއަށް އޮތް ގަޑިތަކުގައި މި ވީޑިޔޯއަށް ލިބިގެންދާނެ ތަރުހީބު އިތުރު ވަމުންދާނެކަން ޔަގީނެވެ. އެންމެ އުފާވެރިކަމަކީ މިވީޑިޔޯއިން ދިވެހި ދިދަ ފެނިގެންދާކަމެވެ.

ދިވެހި SuMmEr ކިޔާ ފަރާތަކުން ޓިކްޓޮކުން އަބީރްއަށް ފޮނުވާފައިވާ މެސެޖް (ދިވެހިރާއްޖޭގެ ފަހަރެއް އަންނާނެ ވަގުތަކަށް ކެތްމަދުވެފައި) މިއަށް ޖަވާބުދެމުން އަބީރް އަޕްލޯޑް ކުރި މިވީޑިޔޯ ދަނީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދަމުންނެވެ.

ހަމަ މިވީޑިޔޯ އަބީރްގެ ޔޫޓިއުބް އެކައުންޓްގައި ވެސް ވަނީ އަޕްލޯޑްކޮށްފައެވެ.