ކުއްލިއަކަށް ދުނިޔޭގައި މަޝްހޫރުކަން ލިބުނެވެ. ޚައްޞަކޮށް އިސްލާމީ ދުނިޔޭގައެވެ. ޕާކިސްތާނުގައެވެ. ޕާކިސްތާނުގެ ނިއުކުލިއައިގެ ބައްޕަ ކަމުގައި ބުނެވުނެވެ. 1998 ގައި ޢަބްދުލްޤާދިރު ޚާން ކުއްލިއަކަށް މަޝްހޫރު ވިއެވެ. އެއީ ޕާކިސްތާނުން ކާމިޔާބުކަމާ އެކު ނިއުކުލިއަރ ޓެސްޓެއް ކުރުމުންނެވެ. ނަމަވެސް 2001 ވަނަ އަހަރު އޭނަގެ މަޝްހޫރުކަމާއި، މޮޅުކަން ބަދުނާވެ، ނަފްރަތު ލިބުނު ޝަޚްޞިއްޔަތަކަށް ވިއެވެ. އޭނާ އަކީ ނިއުކުލިއަރ ޓެކްނަލޮޖީ ވަގަށް ވިއްކި މީހެއްގެ ގޮތުގައި ލޭބަލްކުރެވުނެވެ. އެއީ ޕަރްވޭޒް މުޝައްރަފު ޕާކިސްތާނުގެ ރައީސަކަށް ހުންނެވި ދުވަސްވަރުއެވެ. އަލްޖަޒީރާ ގައި ރެޕޯޓުކޮށްފައިވާ ގޮތުގައި ޢަބްދުލްޤާދިރަށް އެ ލޭބަލުން، ލޭބަލްކުރެ ވުނީ އެމެރިކާގެ ފިއްތުންތަކާ އެކުއެވެ. އެއްމެ ތިން އަހަރުގެ މަޝްހޫރުކަމެކެވެ. އަދި 2021 ގައި ކޮވިޑުގެ ބަލީގައި ނިޔާވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.

އިސްލާމީ ޤައުމުތަކުގެ މެދުގައި ޢަބްދުލްޤާދިރު ޚާނަކީ ބަޠަލެއްގެ ގޮތުގައި 2001 ވަނަ އަހަރު ވެގެން ދިޔައެވެ. އެއީ ނިއުކުލިއަރ ބާރުގެ ފުރަތަމަ އިސްލާމީ ޤައުމަކަށް ޕާކިސްތާން ހެދި ސައިންސްވެރިޔާގެ ގޮތުގައެވެ. އިސްލާމީ ޤައުތަކުގައި ނިއުކުލިއަރ ބައްޕަ ކަމުގައެވެ. ނަމަވެސް އެމެރިކާ އާއި، ހުޅަނގުގެ ޤައުމުތަކުގައި އެއީ ނުރައްކާތެރި ބިރުވެރި މީހެއްގެ ގޮތުގައި ދެކެން ފެށިއެވެ. އޭނާ ކުރެއްވި ތަޙުލީލުތަކާއި، ނިއުކުލިއަރ މަޢުލޫމާތާއި، ޓެކްނލޮޖީ އެހެން ޤައުމުތަކަށް ވިއްކި މީހެއްގެ ގޮތުގައި ލޭބަލްކުރިއެވެ. އަދި އެކަން ކުރެއްވީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ދުނިޔެއަށް ދެއްކިއެވެ.

މި ތުހުމަތު ތަކާއެކު ޢަބްދުލްޤާދުރު 2004 ގައި އިސްލާމް އާބަދުގައި ގޭ ގައި ބަންދުކުރެވުނެވެ. އެއީ ތިން ޤައުމަކަށް އޭނާގެ ދިރާސާތަކާއި، ޓެކްނަލޮޖީ ވިއްކި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް 2009 ގައި ޕާކިސްތާނުގެ ކޯޓަކުން އޭނާ މިނިވަންކުރެއެވެ. ނަމަވެސް އޭނާ ދިރި އުޅުއްވަން ޖެހިވަޑައިގަތީ ފުލް ސެކިއުރިޓީ އާއި، ރައްކާތެރި ކަމާ އެކުއެވެ.

ޢަބްދުލްޤާދިރު އުފަންވެ ވަޑައިގަތީ 1936 ގައެވެ. އެއީ ޕާކިސްތާން އުފަންވުމުގެ ކުރިން އިންޑިއާގެ ބޮހްޕާލްގައެވެ. 1947 ގައި ޕާކިސްތާނުގެ މިނިވަން ދައުލަތާ އެކު ޢަބްދުލްޤާދިރު ވެސް ޕާކިސްތާނުގެ ރައްޔިތަކަށް ވެވަޑައިގަތެވެ. 1960 ގައި ޕާކިސްތާނުގެ ކަރާޗީ ޔުނިވަސިޓީ އިން ސައިސްގެ ރޮނގުން ފުރަތަމަ ޑިގްރީ ހެއްދެވިއެވެ. އެއަށް ފަހު 'މެޓަލަޖިކަލް އިންޖިނަރިންގ' ގެ ރޮނގުން ކިޔަވައި ވިދާލުވުމަށް ޖަރުމަނުގެ ވެރިރަށް ބާލިންގ އަށް ވަޑައިގަތެވެ. އޭގެ ފަހުން މަތީ ތަޢުލީމު ޙާޞިލްކުރެއްވުމަށް ބެލްޖިއަމަށާއި، ނެދަލޭންޑަށް ވެސް ވަޑައިގެންނެވިއެވެ.

މަތީ ތަޢުލީމަށް ފަހު އެނބުރި ޤައުމަށް ވަޑައިގެންނެވިއެވެ. އަދި ޕާކިސްތާނުގެ ޔޫރޭނިއަމް ފައްކާކުރާ ޕްރޮޖެކްޓުގެ ވެރިއަކަށް ޢަބްދުލްޤާދިރު ހަމަޖެއްސުނެވެ. އެ ދުވަސްވަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވީ ޛުލްފިޤާރު ޢަލީ ބުއްޓޫއެވެ. ޔޫރޭނިއަމް ފައްކާކުރާ ޕްރޮޖެކްޓު 1978 ގައި ކާމިޔާބުކަމާ އެކު ފުރިހަމަކުރެއްވިއެވެ. އަދި 1984 ގައި ނިއުކުލިއަރގެ ޕްރޮޖެކްޓު ފުރިހަމަކުރެއްވިއެވެ.

1998 ގައި ޕާކިސްތާނުން ނިއުކުލިއަރ ޓެސްޓު ކާމިޔާބުކަމާއެކު ކުރުމުން ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅު އެ ޤައުމަ މެދު އެޅުނެވެ. އެއީ އެމެރިކާ އާއި، ހުޅަނގުގެ ޤައުމުތަކުގެ އިސްނެގުމާއި، ބާރުވެރިކަމުގައެވެ. މީގެ ސަބަބުން ޕާކިސްތާނުގެ އިޤްތިޞާދު މުޅިން ވަޅުޖެހުނު ފަދައެވެ. ދަތިކުރުމުގެ މި ފިޔަވަޅު އެޅުނީ އިންޓަރނޭޝަނަލް އެޓޮނަމިކް އެނާޖީ އެޖެންސީ އިން ނެރުނު ބަޔާނަކާއެކުއެވެ. އެއީ ޕާކިސްތާނުގެ ސައިސިސްޓު ޢަބްދުލްޤާދިރު ނިއުކުލިއަރ ޢިލްމު ވިއްކާފައިވާ ކަމުގައި ބަޔާންކޮށެވެ.