ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ފޯމު މިއަދު ހުށަހެޅުމާއެކުހެން ފޯމާއިމެދު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިއަދު ޖަވާބު ދެއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޔާމީންގެ ފަރާތުން، ކެންޑިޑެސީ ފޯމު އީސީއަށް ހަވާލުކުރެއްވީ އެމަނިކުފާނުގެ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ.

އީސީގެ ފަރާތުން، ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުއެވެ.

ފޯމު ހުށަހެޅުމަށް ދަރުބާރުގެއަށް ދުރުވި ވަގުތު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީންގެ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއިން ބަލައިގަންނާނެކަމަށާއި އަދި، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވެފައެވެ.

ފޯމާއި ހަވާލުވުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރައީސް ޔާމީންގެ ފޯމާމެދު ކޮމިޝަނުން ޖަވާބު ދިނުމަށް 48 ގަޑިއިރު ލިބިގެންދާ ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން ދެކޭގޮތުގައި އިިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރަކީ ރައީސް ޔާމީނަަށްވެފައި، ފޯމުގެ ޖަވާބު 24 ގަޑި އިރުގެ ތެރޭގައި ދޭން ނިންމާފައިވާކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެެ. ހަމަމިއާއެކު މިއަދު ހައެެއް ޖެހުމުގެ ކުރިން ޖަވާބެއް ދެއްވާނެކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

ހަބީބު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބަށް މިހާތަނަށް އީސީއަށް ހުށަހެޅުނު އެންމެ ފުރަތަމަ ފޯމުކަމަށެެވެ،

ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކުނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުންނެވެ.

ހަބީބް ވިދާޅުވީ ޤާނޫނީ ގޮތުން ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅިތޯ ބަލައި ޖަވާބު މިއަދުން މިއަދަށްވެސް ދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރައީސް ޔާމީނަކީ ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށްވުމުން އިލެކްޝަންގެ ނިންމުން ފަސް ދުވަހުގެތެރޭގައި ސުޕްރީމް ކޯޓަށް ހުށަހެޅޭނެކަމަށާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަށް ހަތް ދުވަހުގެ ތެރޭގައި ކޮމިޝަނުން ނިންމާ ނިންމުމެއް ހާމަ ކުރައްވާނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަންވަމުން އަންނަ މިދަނޑިވަޅުގައި އަދި ހަމައެހެންމެ މިއޮގަސްޓު މަހުގެ ހަތްވަނަ ދުވަހާހަމައަށް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން ފޯމު ހުށަހަޅަން އަންގާފައިވާއިރު، ރައީސް ޔާމީނަށް ވާދަކުރެއްވިދާނެކަމާމެދު ބޮޑު ސުވާލު އުފެދިފައިވާ މިފަދަ ވަގުތެއްގައި އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މިވަނީ އެންމެ ފުރަތަމަ ހުށަހެޅުނު ފޯމެއްގެ ގޮތުން އީސީއަށް ހުށަހަޅާފައެވެ. ރައީސް ޔާމީން މިވަގުތު ދަނީ އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ، އަދި މިމައްސަލައިގެ އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު ހަމަނުވެ މައްސަލަ ވަނީ ކޯޓުގައި މަޑުޖެހިފައެވެ.