ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގަނޫނީ ވަކީލެއްގެ އެހީތެރިކަން ދޭން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ފަށައިފިއެވެ.
ފެމެލީ ޕްރޮޓެކަޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހިދުމަތް މިއަދުން ފެށިގެން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް މީހުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެފިނަމަ އެފަދަ މީހުންނަށް ގާނޫނުގައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ.
މީގެއިތުރުން އެއޮތޯރިޓީން ބުނީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތަކެއް ގެއްލުންތަކެއް ލިބިފައިވާ ބަޔެއްކަމުން، އެންމެ އެދެވޭ ގޮތުގައި އެފަދަ މީހުންނަށް އިންސާފު ހޯދައިދިނުމުގައި ލިބެންޖެހޭ ގާނޫނީ ލަފަ އާއި އެހީތެރިކަން ލިބިދިނުމަކީ މުހިންމު ކަމެއްކަމަށް ދެކޭކަމަށެވެ.
ގާނޫނި ލަފާ ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ފޯމު ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އަދި އެ އޮތޯރިޓީގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި އެ އެހީތެރިކަން ލިބޭނީ މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވާއިދުގައި ވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށްވެސް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.