ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ރައީސް ޔާމީން ހުށަހެޅުއްވި ކެންޑިޑަސީ ފޯމާމެދު އިލެކްޝަންސް ކޮމިޝަންގެ ނިންމުން ސުޕްރީމްކޯޓުން ބާތިލުކޮށް ޔާމީންގެ ކެންޑިޑަސީގެ ސައްހަކަން ކަށަވަރުވެގެންދާނެ ކަމާމެދު ޝައްކެއްނެތް މިންވަރަށް ޔަގީންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީންގެ ކެންޑިޑަސީއާއި މެދު އިލެކްޝަންސް އިން ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށާއި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަން ހާމަކޮށް ޕީޕީއެމުން މިގޮތަށް ބުނެފައި ވަނީ އެޕާޓީން ނެރުނު ބަޔާނެއްގައެވެ.
2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ދިވެހީންގެ އަދި އެކޯލިޝާންގެ ރިޔާސީ ކެންޑިޑޭޓް، ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ކަމަށް އެކޯލިޝަން ނުދެކޭކަމަށް ޕީޕީއެމުން ނެރުނު ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދަވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާޠިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ޞައްޙަކަން ކަށަވަރުވެގެން ދާނެކަމާމެދު އެޕާޓީއަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންކަމަށްވެސް ޕީޕިއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.