ޤައުމުގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަކީ ޔުނީފޯމުގައި ތިބޭ ބަޔަކު އެކަނި ކުރަންޖެހޭ މަސައްކަތެއްކަމަށް ނުދެކި، ޤައުމުގައި ތަރައްޤީއާ އަމާންކަމާ ތަހުޒީބު ބޭނުންވާނަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން ޤަބޫލުކޮށް ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް އެންމެން މަސައްކަތް ކުރަންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 35ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ޤައުމެއްގައި ފުލުހުންގެ ޚިދުމަތް މުހިންމުވާނެ މިންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ޤައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާންކަމާ، ހުރިހާ ރައްޔިތުން ޙިމާޔަތްކުރެވިފައިވާ ވެއްޓެއް ޤާއިމުވެފައި އޮތުންކަން ފާހަގަކުރައްވައި އެކަން ކުރުމުގައި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފުލުހުން ކަމުގައި ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ރައްޔިތުންގެ އިތުބާރު ހޯދައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް މިރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ.
އެގޮތުން ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާ އެެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ފައިޞަލް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދު ޒުވާނުން އިސްކަންދޭންވީ ޤައުމަށް ޙިދުމަތްކުރަންކަމަށާއި، ޤައުމަށް ޚިދުމަތްކުރުމަކީ ފަޚުރެއްކަމަށް ހަދަންޖެހޭކަމަށާއި އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
އަދި މި ރަސްމިއްޔާތުގައި ފައިޞަލް ވަނީ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓާއި ޕްލާކް ޙަވާލުކޮށްދެއްވާފައެވެ.
ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހަކީ ފުލުހުންގެ ޚިދުމަތާ ގުޅޭ މީހުންްގެ ތެރެއިން ޔުނީފޯމުގައި މަސައްކަތްކުރާ ކޮންމެ ޕޮލިސް އޮފިސަރަކު ފުރިހަމަ ކުރަންޖެހޭ ފުލުހުންގެ އަސާސީ ތަމްރީނެކެވެ. ޕޮލިސް އިނިޝިއަލް ޓްރޭނިންގ ކޯހުގެ މުއްދަތު ބެހިގެންވަނީ ކެމްޕަސް ޓްރެއިނިންގ 4 މަސްދުވަސް އަދި ޕްރޮބޭޝަނަރީ ޓްރެއިނިންގް 2 މަސްދުވަސް ހިމެނޭގޮތަށް ޖުމްލަ 6 މަސްދުވަހުގެ މުއްދަތަށެވެ.
35 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިނގް ކޯހުގައި ބައިވެރިވި 220 މީހުންގެ ތެރެއިން ކޯހުން ކަނޑައަޅާފައިވާ މިންގަޑަށް ފާސްވެފައިވަނީ 192 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 37 އަންހެނުންނާ 155 ފިރިހެނުންނެވެ.