ވޭތުވެދިޔަ ދުވަސްތަކުގައި ޓުވިޓާގައި ދިވެހި ސަރުކާރަށް އެކިގޮތްގޮތަށް ފާޑުކިޔުމާއި އަދި ސިޔާސީ އެކި ކަންތައްތަކަށްވެސް ފާޑުކިޔުމުގައި ކެރިހުރެ ކުރިއަށްދާ ޓުވިޓާ އެކައުންޓް "ހަސަން ކުރުސީ" ދިވެހި ފުލުހުންނަށް ތަހުގީގުގައި ބޭނުންކުރުމަށް އެހީއެއްގެ ގޮތުން ބައިލައްކަ (50،000) އެމެރިކާ ޑޮލަރު ހަދިޔާކުރަން ބުނެފިއެވެ.
ހަސަންކުރުސީ ޓުވީޓެއްގައި މިހެން ބުނީ ފުލުހުން، ހަގީގީ "ހަސަންކުރުސީ" އަކީ ކާކުތޯ ބަލައި "ހަސަންކުރުސީ"ގެ ޓުވިޓާ އެކައުންޓުގެ މައުލޫމާތު ހޯދަން ކޯޓުއަމުރެއް ހޯދާ އެކޯޓުއަމުރުގައިވާ ގޮތަށް ފުލުހުން މަސައްކަތްކުރަން ފެށުމާއެކުގައެވެ.
އިއްޔެގެ ވަގުތެއްގައި ފުލުހުން ކޯޓުއަމުރެއް ހަގީގީ"ހަސަންކުރުސީ"ހޯދުމަށް ނެރުމާ ގުޅިގެން ހަސަންކުރުސީ ކުރި ޓުވީޓެއްގައި ފުލުހުންގެ ބަޖެޓް ވަރަށް ޓައިޓްކަން އެނގޭކަން ފާހަހަކޮށް ބުނެފައިވަނީ ސައިބައ ތަހުގީގުކުރުމަށް ނުވަތަ ސައިބަރ އިންވެސްޓިގޭޝަންތަކަށް (50،000) ބައިލައްކަ ޑޮލަރު ހަދިޔާކުރަން ތައްޔާރަށް ހުރިކަމަށެވެ. އަދި ފުލުހުންނަށް އެފައިސާ ހަދިޔާ ކުރަނީ ސައިބަރ ތަހުގީގުތައްކުރާ ހާއްސަ ފަރާތްތައް ނުވަތަ ސައިބަރއިންވެސްޓިގޭޝަން ޕްރޮފެޝަނަލުން ހޯދުމަށް ކަމަށްވެސް "ހަސަންކުރުސީ"ގެ ޓުވީޓުގައި ވަނީ ބުނެފައެވެ.
"ހަސަންކުރުސީ"ގެ މިޓުވީޓުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ޓެގްކޮށް ބުނެފައިވަނީ އޭނާގެ މިހުށަހެޅުން ދެމިއޮންނާނީ މިރޭ ދަންވަރުގެ ނިޔަލަށްކަމަށާއި އެޓުވީޓުގެ ކޮމެންޓުގައި ފުލުހުންގެ ޕަބްލިކް ބޭންކު އެކައުންޓު ފޮނުވުމަށެވެ. އަދި މިއީ އޭނާގެ ބަހުގައި ހިފެހެއްޓުމަށް އޭނާ ކުރާނެކަމެއްކަމުގެ ޔަގީންކަންވެސް ދީފައިވެއެވެެ.
"ހަސަންކުރުސީ"ގެ ނަމުގައި ހަދާފައިވާ ޓުވިޓާ އެކައުންޓްގެ ފަހަތުގައިވާމީހަކު ނުވަތަ ބަޔަކު ހޯދަން ކްރިމިނަލް ކޯޓުން ފުލުހުންގެ އެދުމަކަށް އިއްޔެ ވަނީ އަމުރެއް ނެރެފައެވެ. އަދި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެއަމުރު ހޯދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެރައީސް މުޙައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމަކަށެވެ. ފުލުހުން ބުނީ "ކުރުސީ" އެކައުންޓް ހިންގަނީ ކާކުތޯ ބަލަމުން ދަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ އިދާރާއަށް ހުށައަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
"ހަސަން ކުރުސީ" ޓުވިޓާ އެކައުންޓަކީ ސަރުކާރާ ބެހޭގޮތުންނާއި ސިޔާސީކަންތައްތަކާ އަދި އެކިމީހުންނާ ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަތައް ދައްކައި، މީހުންގެ އަބުރު ގެއްލުވާލަން ހިންގާ ޓުވީޓާއެކައުންޓެއް ކަމަށްވެސް ގިނަފަރާތްތަކުން ދެކެއެވެ. އަދި ހަމަ އެއާއެކު މިއީ ފުދޭވަރަށް ރަނގަޅަށް ފޮލޯވާސް ތިބި އެކައުންޓެއްކަންވެސް ފާހަގަކުރެވެއެވެ.
ސާބިތު ހެއްކާއެކު ޔަގީންވާހަކަ ގިނައިން ހުންނަނީ ހަލި ނޫހުން ދޮގު ހަބަރު ފެތުރިޔަސް ތިކިޔާ ހަސަން ކުރުސީ އަކީ މައުލޫމާތޫ ހުރި މީހެއް.