ސްވިޑަންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި ބޭއްވި އެއްވުމެއްގައި ކީރިތި ޤުރުއާނުގެ ހުރުމަތް ކެނޑުމުގެ ގޮތުން މުޞްޙަފެއް މިއަދު އަންދާލައިފިއެވެ.
މުސްޙަފް އަންދާލުމުގެ ހައްދު ފަހަނައެޅި އަމަލު ހިންގާފައި ވަނީ އިރާޤުން ސްވިޑަންއަށް ހިޖުރަކޮށްފައިވާ ސުލްވާން މޫމީކާއި ސުލްވާން ނަޖުމެވެ.
މިދެ މީހުންނަކީ މިދިޔަ މަހު ސްވިޑަންގެ މިސްކިތެއް ކުރިމަތީގަޔާއި އިރާގުގެ އެމްބަސީ ކުރިމަތީގައި މުސްޙަފް އެންދުމުގެ ހައްދުފަހަނައެޅި އަމަލު ހިންގި ދެމީހުންނެވެ. މުސްޙަފް އަންދައި މުޅި އިސްލާމީ އުއްމަތުގެ އިހްސާސްތަކާއި މިދެމީހުން ކުޅެމުން ދަނީ ސްވިޑަންގެ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ލިބިދޭ ހުއްދަތަކުގެ ތެރެއިން ފުލުހުންގެ އެހީތެރިކަމާއެކުއެވެ. މިމައްސަލާގައި އިސްލާމީ ގިނަ ގައުމުތަކުން ވަނީ ހިޔާލުފާޅު ކުރުމުގެ ނަމުގައި މުސްޙަފް އަންދައި ހުރުމަތް ކަނޑުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މިކަން ސްވިޑަންގެ ކަމާ ބެހޭ އިދާރާތާކުން ނުހުއްޓުވައިފިނަމަ އިސްލާމީ ޤައުމުތަކާއި ސްވިޑަންއާ ދެމެދު އޮތް ގުޅުން ނިމިދާނެ ކަމަށް ސައުދީ އަރަބިއްޔާއިން މިދިޔަ ހަފްތާގައި ސްވިޑަންއަށް އިންޒާރުވެސް ދިނެވެ.
ސްވިޑަންގައި މުސްޙަފް އެންދި މައްސަލަ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި އިރާގުގެ ބޮޑު ވަޒީރު މުހައްމަދު ޝައްޔާ ސަބް އަލް ސޫދާނީވެސް ވަނީ އެންމެ ހަރުކަށި އިބާރާތުން މުސްޙަފް އެންދުން ކުއްވެރިކޮށްފައެވެ.