"މައިއާސަންދަ" ނަމުގެ ޕޯޓަލް އަކުން އާސަންދައިގެ ހުުރިހާ ހިދުމަތަކަށް އޮންލައިންކޮށް އެދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އާސަންދަ ކުންފުނިން ބުނީ އެ ކުންފުނީގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެހެން "މައި އާސަންދަ" ނަމުގައި ވެބް ޕޯޓަލް ވަނީ ތައާރަފު ކޮށްފައެވެ. އެއާއެކު ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ފުރައިދޭ ރެކޮމެންޑޭޝަން ފޯމު، މި މަހު ފަނަރައިން ފެށިގެން ބަލައިގަންނާނީ ހަމައެކަނި އެ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ. އަދި އާސަންދައިގެ ހިދުމަތްތައް ހޯދަން އެ ކުންފުނީގެ ކައުންޓަރަށް ދާން ދެނެއް ނުޖެހޭނެ ކަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދަ ކުންފުނިން ޕޯޓަލް މެދުވެރިކޮށް އެދެވޭ ހިދުމަތްތަކުގެ ތެރޭގައި:

  • ޑޮކްޓަރުންނަށް ރެކޮމެންޑޭޝަން ފޯމު ޕޯޓަލްގެ ތެރެއިން ފުރައިދިނުން
  • އާސަންދައިގެ އިތުރުން ވެލްފެއާގެ އެހީތެރިކަމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުން
  • އެޕްލިކޭޝަންގެ ސްޓޭޓަސް ޕޯޓަލް އިން ބެލުން
  • އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާނަމަ، އެވެސް ޕޯޓަލްގެ ތެރެއިން ހުށަހެޅޭނެ

"މައިއާސަންދަ" ޕޯޓަލްގައި މައްސަލައެއް އުޅޭނަމަ [email protected] އަށް މެއިލް ކުރުމަށް އެ ކުންފުނިން ވަނީ އިލްޔތިމާސްކޮށްފައެވެ.