ރައީސުލްޖުމްހޫރިއްޔާ، ހދ. ހަނިމާދޫ ބަނދަރާއި، ފުޓުބޯޅަ ދަނޑު، އަދި ސްކޭޓްޕާކް ހުޅުއްވައި ދެއްވައި، ހަނިމާދޫ މަގުހެދުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ، މިހާރު އެމަނިކުފާނު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހަވީރުގައެވެ.

މީގެއިތުރުން އެމަނިކުފާނު އިއްޔެ ހުޅުއްވައި ދެއްވި، ހަނިމާދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. އަދ މީގެ އިތުރުން ރައީސް ވަނީ، ހަނިމާދޫ ކައުންސިލުން ތަރައްޤީކުރި ސްކޭޓް ޕާކުވެސް ހުޅުއްވައި ދެއްވާފައެވެ.

ހދ. ހަނިމާދޫ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަޝްރޫޢު ނިމި އެބަނދަރު، ރައީސް އިއްޔެ ހުޅުއްވައި ދެއްވާފައިވާ އިރު، ހަނިމާދޫ ބަނދަރުގެ މަޝްރޫޢު ކުރިޔަށް ގެންދަވާފައި ވަނީ އެމްޓީސީސީއާ ހަވާލުކުރައްވައިގެންނެވެ.

ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، 7.4 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީންނެވެ. އަދި ހަނިމާދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސްކޮށްފައި ވަނީ އެކުންފުނިންނެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.