ދީބާޖާ ހުކުމް ތަންފީޒުކުރުމުގެ މަޖިލިސް މީޑިއާއަށް ސިއްރުކޮށްފި

0
ހުކުމް ތަންފީޒުކޮށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދައްކާނެގޮތް ވަނީ ކަނޑައަޅާފައި

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރާ އެކު ސޮއިކޮށްފައިވާާ ދީބާޖާ އިންވެސްޓްމަންޓްގެ އެއްބަސްވުން ބާތިލްކުރުމުން އެކުންފުންޏަށް ބަދަލުދިނުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި މިއަދު ފަށައިފި އެވެ.

މިމައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ މަޖިލިސް ފެށުމަށް ތާވަލްކޮށްފައިވަނީ މިއަދު ހެނދުނު 10:45 ގައެވެ.

މިމައްސަލަ ކުރިއަށްދާ ގޮތް ބެލުމަށް ނޫސްވެރިން ކޯޓަށް ހާޒިރުވުމުން ސިވިލް ކޯޓުން ވަނީ މިއަދުގެ މަޖިލިސް ސިއްރުކޮށްފައިވާ ކަމަށް ބުނެ ނޫސްވެރިން ވައްދަން ދެކޮޅު ހަދާފަ އެވެ. އެހެންކަމުން މިއަދު މިމައްސަލައިގެ ކަންކަން ކޯޓުގައި ކުރިއަށް ދިޔަ ގޮތް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

Advertisement

އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ އަދި ޅ އަތޮޅުގައި ދަތުރުފަތުގެ ހިދުމަތް ދިނުމަށް އެމްޑީޕީގެ ސަރުކާރުން 2010 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.

ދީބާޖާގެ އެއްބަސްވުން ބާތިލްްކުރި މައްސަލަ އެކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ދަައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުން 2014 ވަނަ އަހަރުގެ ތެރޭގައި ކުރި މިހުކުމް ހައިކޯޓުން ފަހުން ބާތިލްކުރި ނަމަވެސް ސުޕްްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލްކޮށް މިމައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ މަހުގެ ތެރޭގައި ދަމަހައްޓާފަ އެވެ.

ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގެ ހުކުމްގައި ސާފުނުވާ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ ދައުލަތުގެ ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވަނީ މިމައްސަލަ މުރާޖައާކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މައްސަލަ މުރާޖައާ ކުރަން ހުށަހެޅުއްވި ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ދީބާޖާގެ މައްސަލާގައި އެކުންފުންޏަށް ގާނޫނީ ލަފާދޭ ލޯފާމުގެ އެއްހިއްސާދާރު އަލްހާން ފަހްމީ ގެންދަވަނީ މިމައްސަލާގައި ބަންޑާރަނައިބްގެ މައްޗަށް ވެސް ރިޝްވަތުގެ ތުހުމަތުތަކެއް ވެސް ކުރައްވަމުންނެވެ. ނަމަވެސް ބަންޑާރަނައިބް ވަނީ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.

Advertisements