މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް "އެފް" ގެ ފަހު މެޗުގައި ވަރުގަދަ ބްރެޒިލާ 0-0 އިން އެއްވަރުކޮށް، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ޖެމައިކާ ދެވަނަ ބުރުން ޖާގަ ހޯދައި ދުނިޔެ ސިއްސުވާލައިފިއެވެ.

މިނަތީޖާއާއެކު ބްރެޒިލް ވަނީ ގްރޫޕް ސްޓޭޖުން ކަޓައި ރަށަށް ދާން ޖެހިފައެވެ. 3 ޕޮއިންޓާއެކު ބްރެޒިލަށް ލިބުނީ 4 ވަނައެވެ. ޖެމައިކާ ދެވަނަ ހޯދީ 5 ޕޮއިންޓް ހޯދައިގެންނެވެ. މިގްރޫޕުގެ އެއްވަނަ 7 ޕޮއިންޓާއެކު ހޯދީ ފްރާންސެވެ. ޖެމައިކާއިން ވަނީ ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ފްރާންސް މޮޅުވިޔަ ނުދީ 0-0 އެއްވަރު ކޮށްފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.

ބްރެޒިލް ގްރޫޕް ސްޓޭޖުން ކެޓުމާއެކު، އަންހެނުންގެ ވަރލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދުމަށް ބްރެޒިލްގެ މަޝްހޫރު ކުޅުންތެރިޔާ މާޓާ ދެކެމުންދިޔަ ހުވަފެންވެސް މިހިސާބުން ނިމުނީއެވެ. ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 6 ފަހަރު ހޯދާފައިވާ މަޓާއަށް ވަރލްޑް ކަޕް ތައްޓާ އެންމެ ކައިރިއަށް ދެވުނީ 2007 ވަނަ އަހަރުއެވެ. އެފަހަރު ފައިނަލުގައި ބަލިވީ ޖަރުމަނު އަތުންނެވެ. އެމުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ މާޓާއެވެ.

އަންހެނުންގެ ވަރލްޑް ކަޕުގެ ދެވަނަ ބުރަށް ދަތުރު ކުރި ހުރިހާ ގައުމެއް މިހާރު ވަނީ ކަށަވަރުވެފައެވެ. ދެވަނަ ބުރުގެ މެޗުތައް ކުޅޭނީ އޮގަސްޓް 5،6،7 އަދި 8 ގައެވެ.