ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަނި އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފިއެވެ. މޭޔަރ މުއިއްޒު މި ޓިކެޓް ހޯއްދެވީ ޕީއެންސީ ސެނެޓުގައި މިއަދު ހަވީރު ނެގި ސިއްރު ވޯޓުގައި ދެ ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

ޕީއެންސީ ސެނެޓުގައި މިއަދު ހަވީރު ބޭއްވި މި ސިއްރު ވޯޓު ނެގެމުގައި ޕީއެންސީގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ 48 މެންބަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ޑރ މުއިއްޒު ޓިކެޓު ކާމިޔާބުކުރައްވާފައިވަނީ އާދަމް ޝަރީފަށް ލިބިވަޑައިގެންނެވީ 23 ވޯޓަށްވުރެ އިތުރު ދެ ވޯޓާއެކު ޖުމްލަ 25 ވޯޓު ހޯއްދަވައިގެންނެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވީ މޭޔަރ މުހައްމަދު މުއިއްޒުގެ އިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުއިއްޒު ޓިކެޓަށް ވާދަކުރައްވާފައިވަނީ މިއަދު ޕީޕީއެމުން ވަކިވެވަޑައިގެން، ޕީއެންސީއާ ގުޅިވަޑައިގެންނެވުމަށްފަހުގައެވެ.

ޕީޕީއެމާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ ސެނެޓުން ފާސްކޮށް ޓިކެޓަށް ވާދަކުރުމަށް އެޕާޓީން ހުޅުވާލީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިއީ ރިޔާސީ އިންތިހާބަށް ވާދަ ކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން "ބެކަޕް ކެންޑިޑޭޓް"އެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް ރައީސް ޔާމީން އެންގެވި އެންގެވުމާ ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ވަގުތު ހަމަވުމާއި ރިޔާސީ އިންތިހާބުގެ ވަގުތުވެސް ކުޑަތަންވަމުން އަންނަ މިދަނޑިވަޅުގައި އަދިވެސް ރައީސްޔާމީނަށް އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމާމެދު އުފެދިފައިވާ ސުވާލަށް އެންމެފަހުގެ ނިންމުން އިއްވުން އޮތީ ސުޕްރީމްކޯޓަށް ހުށަހަޅާފައެވެ. އަދި މި އިސްތިއުނާފުގެ އަޑުއެހުން މާދަމާ ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.