އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ”ނޫސަންދަ އައްޑޫ” ގެ ނަމުގައި ކުލިނިކެއް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

އޮގަސްޓް 2 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި، ނޫސަންދަ ކުލިނިކު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އިއްޔެއިން ފެށިގެން މި ކުލިނިކުން ޚިދުމަތްދޭން ފަށާފައިވާއިރު ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށާއި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ޚިދުމަތް ދެމުންދާނެއެވެ. ހަމައެއާއެކު އެމަޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށްވެސް މި ކުލިނިކުން ފަރުވާދޭނެއެވެ.

ފުލުހުން ބުނިގޮތުގައި މި ކުލިނިކުގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި އެކިއެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ޚިދުމަތް ކުރިއަށް އޮތް ދުވަސްތަކުގައި ދެމުންގެންދާނެއެވެ. އަދި ބޭސް ފިހާރައިގެ ޚިދުމަތާއި އެކްސްރޭ އަދި ސްކޭންކުރުމުގެ ހިދުމަތްތައްވެސް ދެމުންގެންދާނެއެވެ.

އަދި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް މިހާރު ޚިދުމަތްދެމުންދިޔަ ނަމަވެސް ކައިރި މުސްތަގުބަލެއްގައި އާންމު ރައްޔިތުންނަށްވެސް މި ކުލިނިކުން ޚިދުމަތްދިނުމަށް ހަމަޖެހިފައިވެއެވެ.