ޕާޓީތަކަށް ފައިސާ ދޫކުރުމަށް އަންނަ ހަފްތާގައި ފިނޭންސްމިނިސްޓްރީ އަށް ފޮނުވަނީ

0
އިލެކްޝަން ކޮމިޝަނުގެ މެމްބަރުން

ދައުލަތުގެ ބަޖެޓުން 2019 ވަނަ އަހަރު ފައިސާ ދޫކުރާނެ ސިޔާސީ ޕާޓީތައް ކަނޑައަޅައި ޕާޓީތަކަށް ފައިސާ ދޫކުރުމަށް އަންނަ ހަފުތާ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް “ވީނިއުސް” އަށް ވިދާޅުވީ ދައުލަތުގެ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަކްރަމް ވިދާޅުވީ ޕާޓީތަކަށް މިއަހަރުގެ ފައިސާ ދޫކުރުން ލަސްވީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީތަކުން އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހަޅާފައި ވުމުން ކަމަށެވެ.

އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، މެންބަރުންގެ ސައްހަ އަދަދު ކަނޑައެޅޭނީ މިހާރު ލިބިފައި ހުރި ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަރުހަލާ ނިމުމުން ކަމަށެވެ. ނޮވެމްބަރު މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ގާތްގަނޑަކަށް 40،000 ފޯމު އެކި ޕާޓީތަކުން ހުށަހަޅާފައިވާ ކަމަށާއި މިހަފުތާގެ ބުދަދުވަހުގެ ނިޔަލަށް އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށް ނިމޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަކްރަމް ވިދާޅުވީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަރުހަލާ ނިންމައި މިހަފުތާގެ ބުރާސްފަތި ދުވަހު ފައިސާ ދޫކުރަންޖެހޭ ޕާޓީތައް އިއުލާންކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާ ތެރޭގައި ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގާނޫނު ބުނާގޮތުން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭ ދޭންޖެހެއެވެ. އަދި ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓު ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަންޖެހޭ ކަމަށް ގާނޫނުގައި ވެއެވެ. މިގޮތުން މިއަހަރަށް ފާސްކޮށްފައިވާ 30.2 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 25.6 މިލިއަން ރުފިޔާ ސިިޔާސީ ޕާޓީތަކަށް ދޭންޖެހެއެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ މެންބަރުންގެ އަދަދަށް ބަލައިގެނެވެ. މިގޮތުން 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާ ދޫނުކުރާ ގޮތަށް ގާނޫނަށް ވަނީ ބަދަލުގެނެސްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި މިހާރު 9 ޕާޓީއެއް އެބައޮތެވެ. ފައިސާ ދޫކުރަންޖެހޭ އަދަދަށް މެންބަރުން ހަމަވެގެން މިދިޔަ އަހަރުގެ ފައިސާ ދީފައިވަނީ ޕީޕީއެމާއި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއަށެވެ.

Advertisements