މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޓަކަށް އިސްމާއިލް ޒަބީހް ހަމަޖައްސައިފިއެވެ.
މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޒަބީހު މަގާމުން ވަކިކުރީ މިދިޔަ ޖޫން މަހުގައެވެ.
3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އުވާލި ނަމަވެސް، އެ ނިންމުމަށް އެމްއާރުއެމުން އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވާތީ ފާރިސް ނިންމެވީ ޕާޓީގެ ފަރާތުން ކުރިމަތިލެއްވުމަށެވެ.
އަދި ހަމައެހެންމެ ފާރިސް މައުމޫނު ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ނެތް ކަމަށް ބުނެ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމުގެ ތެރެއިން ދިމާވެދާނެ ގާނޫނީ މައްސަލައެއްގައި އޭނާގެ ކެންޑިޑެސީ ތާށިވިޔަ ނުދިނުމަށްޓަކައި، އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ހަމަކުރަން ޖެހޭ 1،500 މީހުންގެ ސޮއި ހޯއްދަވާފައެވެ.
އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ވަނީ ހުއްޓުވާފައެވެ.
ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސާފައިވާއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް ކަމަށް ހަމަޖެއްސީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލްއެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ އިންތިހާބީ އެޖެންޓަކަށް އެ ޕާޓީގެ ނައިބް ރައީސް އަހްމަދު އުޝާމް ހަމަޖައްސާފައިވާއިރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާއެވެ.
އިލްޔާސްގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. އަދި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެފަދަ ހާލަތެއް އަތުވެއްޖެނަމަ އިންތިހާބާ ކުރިމަތިލެއްވުމަށް ކެންޑިޑޭޓެއްގެ ގޮތުގައި ޑރ މުހައްމަދު މުއިއްޒު މިއަދު ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުކޮށްފައެވެ.