ރަށްވެހިވެފައިވާ ރަށްނޫން، އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މާދަމައަށް ހަމަވާނެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު، އިލެކްޝަންސް ކޮމިޝަނުން، ދެން އިތުރު ނުކުރު ނުކުރާނެކަމަށެވެ. އަދި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ބޭފުޅަކުވެސް، 1414 އަށް ގުޅުއްވައިގެން ނުވަތަ މެސެޖް ކުރައްވައިގެން، އެ ބޭފުޅަކު މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކް ކުރެއްވުމަށް ހަބީބް ވަނީ އެދިވަޑައިގަންފައެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ މިހާރު ރަޖިސްޓަރީ ވެފައިވަނީ، ވޯޓުލާ ދުވަހު ހުންނަވާ ރަށް، ނޫންކަމަށްވާނަމަ، ވޯޓުލައްވަން ބޭނުންފުޅުވާ ތަނަކަށް، އަވަހަށް ރީ-ރަޖިސްޓްރީ ކުރައްވުމަށެވެ. އަދި ރީ-ރަޖިސްޓްރޭޝަނަށް، އިތުރު މުއްދަތު ދެވެންނެތީ، އިންތިހާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް، ބުރޫއަރާނެތީ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބު އިތުރަށް ވިދާޅުވީ މިހާރު ރަޖިސްޓްރީކޮށްފައިވާ ތަނުގައި، ވޯޓުފޮށްޓެއް ނުބެހެއްޓޭ ޙާލަތުގައި، އެފަދަ ފަރާތްތަކަށް ދެވަނަ ފުރުސަތެއް، ލިބިވަޑައިގަންނަވާނެކަމަށެވެ. އަދި އެގޮތަށް ދިމާވާނީ، ރާއްޖޭން ބޭރާއި ރިސޯޓްތަކަށް ރީ-ރަޖިސްޓްރީ ކުރައްވާފައިވާ ބޭފުޅުންނަށް އެކެނި ކަމަށްވެސް ވިދާޅުވިއެވެ.