މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ފަސޭހަ ކަމާއެކު 3-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ގަދަ ހަތަރަކާއި 2 ޕޮއިންޓް ކައިރިއަށް ޖެހިލައިފިއެވެ.

ޔޫވީ ކޮޅަށް ޓީސީއަށް ލަނޑުތައް ޖަހައިދިނީ ޒަޔާން ނަސީރާއި އަހްމަދު ސާމިއު އަދި އަހްނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އެވެ. ނަފްކޮގެ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.

މިމޮޅާއެކު ތާވަލުގެ 5 ވަނައިގައި ޓީސީ އޮތީ 10 ޕޮއިންޓާއެކުއެވެ. ޓީސީއަށް ވުރެ އިތުރަށް 2 ޕޮއިންޓް ހޯދައިގެން ހަތަރުވަނައިގައި އޮތީ ބުރު ސްޕޯޓްސް ކްލަބެވެ. ޔޫވީ ލީގުގެ 6 ވަނައިގައި އޮތީ 3 ޕޮއިންޓާއެކުއެވެ.

ލީގުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ގްރީން ސްޓްރީޓާއި ވެލެންސިޔާއެވެ. މިރޭ ބައްދަލު ކުރާނީ ލީގް ޗެމްޕިއަންކަމަށް އެންމެ ބޮޑަށް ވާދަ ކުރަމުން އަންނަ މާޒިޔާ އާއި އީގަލްސްއެވެ. މާޒިޔާއަށްވުރެ އިތުރަށް އެއްމެޗް ކުޅެގެން ތާވަލުގެ އެއްވަނައިގައި އީގަލްސް އޮތީ 16 ޕޮއިންޓާއެކުއެވެ. ދެވަނައިގައި މާޒިޔާ އޮތީ 15 ޕޮއިންޓާއެކުއެވެ. މިދެޓީމުވެސް މިފަހަރު ލީގުގައި އަދި ބަލިވެފައެއް ނުވެއެވެ.