ދިރާސީ އައު އަހަރެއް ފެށެން އެންމެ ދުވަހަކށްވީއެވެ. އަހަރުގެ ބޮޑު ޗުއްޓީއަށް އަލްވަދާއުކިޔައި ސްކޫލަށް ދިއުމުގެ ތައްޔާރީތައްވަމުން ދާއިރު މިއީ އެކުދިންގެ ޗުއްޓީގެ ފަހު ހަފުތާބަންދުވެސްމެއެވެ. އަމިއްލަ އުފަން ރަށަށް ޗުއްޓީ ހޭދަކުރަން ދިޔަ ކުދިންނާއި އާއިލާތައް އެނބުރި އައިސް ހަފުތާ ފެށެންވާއިރަށް ކަންތައްތައް ހަމައަކަށް އެޅުވުމުގައި އުޅޭއިރު ހަމައަނެއްކޮޅުން މާލެ ސަރަހައްދަށާއި އެހެންވެސް ދިމާތަކަށް ޗުއްޓީ ހޭދަކުރަން ދިޔަ ދަރިވަރުންނާއި އާއިލާތައް އެނބުރި ރަށްރަށަށް ދިއުމާއި ގޮސް ކުރަންހުރި ކަންތައްތަކުގައި ނުހަނު އަވަދިނެތި އުޅެމުންދާ ވަގުތެކެވެ.

އެއްކޮޅުން ދަރިވަރުން ސްކޫލަށް އެނބުރި ނުކުންނަން ހިތާއި ސިކުނޑިން ތައްޔާރުވާއިރު، މިއީ އާއިލާތަކުންނާއި ބެލެނިވެރިންނަށް ހާސްކަންބޮޑު، ބުރަ ވަގުތެއްކަން ގައިމެވެ. ދަރިންގެ ސްކޫލު ހުޅުވޭ ވަގުތުކުޑަތަންވެފައި އޮތުމުން ކޮންމެ ހާލެއްގައިވެސް ކުދިންކޮޅުގެ ސްކޫލުސާމާނުތައް ހަމަކުރުމަށް އެމީހުން އެދަނީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.

ކޮންމެ ބެލެނިވެރިއަކުވެސް އެމީހުންގެ ދަރިން އަހުލާގު ރަނގަޅު، ދީންވެރި، އަދި ކިޔަމަންތެރި ބަސްއަހާ މޮޅު ދަރިންނަށްވުމަށް އުއްމީދުކޮށް ހިތާއި ނަފުސުން އެކަމަށް ދުއާކުރެއެވެ. އެބައިމީހުންގެ ރެއާދުވާލުގެ މަސައްކަތަކީ އެކުދިންނަށްޓަކައި ވާ ގުރުބާނީކަން ގައިމެވެ. ބެލެނިވެރިންގެ އިތުރުން ސްކޫލްތަކުގެ ލޮބުވެތި މުދައްރިސުންވެސް ދަރިވަރުންނާމެދު ފޮނި އުއްމީދުތައް ކުރެއެވެ.

ފޮޓޯ/ޕީއެސްއެމްނިއުސް

މި އުއްމީދުތައް އެކުދިންގެ ކިބައިން ފުރިހަމަވުމަށް އެދޭއިރު ބެލެނިވެރިން އުފުލަން ޖެހޭ ޒިންމާތައް ކުޑައެއް ނޫނެވެ. ކުދިންނަށް ހެވާއިނުބައި އޮޅުންފިލުވައި ދިނުމާއި އެކުދިންގެ ފިޔަވަޅު ކަސިޔާރުނުވެ ބެލެހެއްޓުމުގެ ބޮޑު ޒިންމާ އޮތީ މައިންބަފައިންގެ ކޮޑުގައެވެ.

މީގެ ތެރެއިން ސްކޫލަށް ކުދިން ތައްޔާރު ކުރުމުގައި ބެލެނިވެރިން އެކުދިންނަށް ކިޔައި ދެވިދާނެ ބައެއްކަހަލަ ކަންތައްތަކަށް އަލިއަޅުވާލަމެވެ

1- ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކަމާއި އެކިކުދިންގެ ކިޔެވުމުގެ ހުނަރާއި، ދިރިއުޅުމިގެ ހާލަތާއި އާއިލާ މީހުންގެ އަދަދު ތަފާތު ވާނޭކަން ބުނެދެވިދާނެއެވެ. އަދި ކުދިންގެ ހަމުގެ ކުލަޔާއި ސިފަ އަދި އިސްކޮޅާއި ހަށިގަނޑުވެސް ތަފާތު ވަނޭކަން ކުދިންނަސް ބުނެދެވިދާނެއެވެ.

2- ގަނާ ކުރުމަކީ ބައެއް ސްކޫލުތަކުގައި އާންމުވެފައިވާ ހިތާމަކުރަންޖެހޭ ކަމެކެވެ. ގަނާކުރުމުގެ ޝިކާރައަކަށް ވާ ކުއްޖާއަށް ނަފްސާނީގޮތުން ވަރަށް ބޮޑު އަސަރެއްކުރާކަމާއި، މިކަމުގެ ސަބަބުން އެކުއްޖާ ސްކޫލަށް ދިއުމަށް ޖެހިލުންވުމުގެ އިތުރުން، އަމިއްލަ ނަފްސަށް އިތުބާރު ގެއްލޭކަން ކުދިންނަށް ކިޔައިދިނުން ވަރަށް މުހިއްމެވެ. އަދި އެއްވެސް ކުއްޖަކާ ޒާތީގޮތުން ދިމާކުރުމާއި، ބާކީކޮށް، ދެރަކޮށް ހެދުމަކީ ފަހަރެއްގައިވެސްކޮށްގެން ނުވާނެކަމެއްކަން ކުދިންނަށް ކިޔައިދެވިދާނެއެވެ.

ފޮޓޯ/ޕީއެސްއެމްނިއުސް

3- އެކި ކުދިންގެ ހުންނަނީ އެކި ހުނަރުކަމާއި ކިޔެވުމުގައި ކުދިންނާއި ވާދަވެރިކަން އޮންނަން ޖެހޭ ކަމާއި އެހެނެއްކަމަކު އެކަން ކުރަން ޖެހޭނީ އޭގެ އެންމެ ރަނގަޅު ނިޔަތުގައި، ހެޔޮ ގޮތަށްކަންވެސް ކިޔައިދޭށެވެ. އަދި ހުރީހާ ކުދިންނާއެކުވެސް ގުޅިގެން އުޅެންށާއި ސްކޫލްގައި ކިޔަވާ ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިތުރު ލޯތްބާއި ސަމާލުކަމެއް ދޭންވާނޭކަން ކިޔައިދިނުމަކީ ވަރަށް މުހިއްމުކަމެއްކެވެ

4- އަދި ކުރިން ގެންގުޅުނު ދަބަސް، ބޫޓު، ޔުނީފޯމްފަދަ ސްކޫލް ސާމާނު ހަލާކު ނުވަންޏާ އަލުން ބޭނުން ކުރެވިދާނެކަމާއި ބޭނުން ނުކުރެވޭނަމަ ކުއްޖަކަށް ހަދިޔާ ކުރެވިދާނެކަމަށް ކުދިންނަށް ވިސްނައި ދެވިދާނެއެެވެ.

ކޮންމެ ދަރިއަކީވެސް ހުރިހާގޮތަކުންވެސް އެންމެ ރަނގަޅު ކުއްޖަކަށް ހެދުމަށް ބެލެނިވެރިން ގަދައަޅާ މަސައްކަތްކުރާނެކަން ކަށަވަރެވެ. އެކަމުގެ އެންމެ ރަނގަޅުގޮތް ހިޔާރު ކުރުމަކީއެމީހުންގެ އެންމެ ބޮޑު އަދި އެންމެ ނާޒުކު ޒިންމާކަންވެސް ޔަގީނެވެ.

ނޯޓް:( މި ލިއުމުގައިވާ ގިނަ މައުލޫމާތު ތަކަކީ އާޓްއޯލްއެމްވީ އިން ނަގައިފައިވާ މައުލޫމާތުތަކެއް)