މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއަރ ލީގުގައި ރޭ ވާދަވެރި އީގަލްސްއިން ދެލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް މާޒިޔާއިން ފަހަތުން އަރައި ދެލަނޑު ޖަހައި ލީގް ތާވަލުގެ އެއްވަނަ ދިފާއު ކޮށްފިއެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާއި މިމެޗުން ބަލިނުވެ ސަލާމަތް ވުމުގައި ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ ދައުރު ބޮޑެވެ. ފުރަތަމަ ހާފުގައި ބްރެޒިލްގެ ފޯވާޑް އިވާން ކާލޯސް އާއި ކެޕްޓަން އަހްމަދު ރިޒްވާން (ރިޒޭ)ގެ ލަނޑުން މެޗުގެ 73 ވަނަ މިނެޓާ ހަމައަށް އީގަލްސްއިން ލީޑް ދެމެހެއްޓިއެވެ. މާޒިޔާއިން ފަރަގު ކުޑަ ކުރީ 72 ވަނަ މިނެޓުގައި ސެންޓޭ ބޮލުން ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ މިނެޓެއްފަހުން އީގަލްސްއިން އެއްވަރު ކުރީ އީގްލްސް ދޫކޮށް މިސީޒަނުގައި މާޒިޔާއަށް ބަދަލުވި ހަސަން ރާއިފް އަހްމަދު (ހަންނަ) ގެ ލަނޑުންނެވެ.

މިމެޗް އެއްވަރު ވުމުން، ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު، ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 19 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އީގަލްސް އޮތީ 17 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 15 ޕޮއިންޓާއެކު އޮތްއިރު ހަތަރުވަނައިގައި ބުރު ސްޕޯޓްސް ކްލަބް އޮތީ 12 ޕޮއިންޓާއެކުއެވެ.