މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުން ގޯސްވެ އުދައަރާނެކަމަށް ލަފާކޮށް މެޓް އިން ހުދު ސަމާލު ނެރެފައިވަނީ، ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މީގެއިތުރުން އެ ސަރަހައްދުތަކަށް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 15:30 އިން ފެށިގެން އިރުއޮށްސި 18:30 އަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ދުވަސްވަރެކެވެ. އަދި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުގައި ޢާންމު ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރައްވާފައެވެ.

އަދި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށާއި ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅުއެޅުމަށްވެސް މެޓުން އިލްތިމާސް ކުރައްވައެވެ.