މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން އުދަ އަރާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ދާދީ ދެންމެއަކު ނެރުނު ހުދު ސަމާލު ނެރެފައިވަނީ މިއަދު މިރޭ ދަންވަރު 2:00ން ފެށިގެން ހެނދުނު 7:00 ހަމަ އަށެވެ.

އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ވަނީ މާލެއަށާއި ސިނަމާލެ ބްރިޖާއި ހައިވޭ ގުޅުނު ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރާފައެވެ. އަދި އެރި އުދައިގެ ސަބަބުން މީހުންނަށް އަނިޔާވެ ވެހިކަލްތަކަށްވެސް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.

މެޓުުން ވަނީ އިއްޔެވެސް އުދަ އަރާފާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ

މީގެއިތުރުން ފުލުހުން ވަނީ މާލެ އެކި ސަރަހައްދުތަކަށް އުދަ އަރަމުން ދާތީ ސަމާލުވުމަށާއި ހާއްސަކޮށް، މާލެ އާއި ހުޅުމާލެ އާ ދެމެދު، އުދައެރުން ހުއްޓެންދެން، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށާއި ޒަރޫރީ ދަތުރުތައް ކުރުމަށްވެސް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރައްވުމަށް އިލްތިމާސް ކުރައްވާފައެވެ.

މާލެ އިރުމަތީ ފަރަތަށް ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުމުގައި މިދުވަސްވަރު އުދައެރުމަކީ އަބަދުވެެސް ދިމާވާ ކަމެކެވެ. އެހެންނަމަވެސް އިއްޔެ މެންދުރުން ފެށިގެން މާލޭ އިރުމަތީ ފަރާތު ރާޅުގަނޑު އުދަ އަރައި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އުދައިގެ ރާޅާއެކު ގަލާއި ވެލި ވެސް ވަރަށް ބޮޑަށް އެއްގަމަށް ވަނީ އަރާފައެވެ.