ސިޔާސީ މުސްތަގުބަލާއިމެދު ނިންމާ ނިންމުން އިއުލާން މިއަދު ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އެހެން ވިދާޅުވެފައިވަނީ އިއްޔެ ކޮށްފައިވާ ޓްވީޓަކުންނަވެ. އެމަނިކުފާނު ސިޔާސީ މުސްތަގުބަލާއިމެދު ގޮތެއް ނިންމަނީ އެ ކޯލިޝަންގެ ލީޑަރޝިޕްގައި ރިޔާސީ ކެންޑިޑޭޓަކާއި ގުޅޭގޮތުން ހިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައިއެވެ.

ސިޔާސީ މުސްތަޤުބަލާމެދު އަޅުގަނޑުގެ ނިންމުން މާދަމާ އިޢުލާންކުރާނެ ވާހަކަ ދަންނަވަން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.

އެގޮތުން ޕީޕީއެމްއިން ވަނީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ހާލަތެއްގައި ޕްލޭން ބީއަކާއި، ސީއެއްވެސް އޮތްކަމަށް ބުނެފައެވެ. ނަމަވެސް ޑރ.ޝަހީމްގެ ނަންފުޅެއް މިއިން އެއްވެސް ޕްލޭނެއްގައި ހިމެނިވަޑައިނުގަންނަވައެވެ.

މީގެއިތުރުން ސިޔާސީ ގޮތުން ރާއްޖޭގެ ގިނަ ބައެއްގެ ތާއީދު އެމަނިކުފާނަށް އޮތްނަމަވެސް، ސިޔާސީ މަސައްކަތުގައި ކުރިއަށް ދިއުމުގެ މާބޮޑު ޖާގައެއް ނިމިގެން މިދާ ފަސް އަހަރުގައި ޕީޕީއެމް ތެރެއިން ޑރ.ޝަހީމް ލިބިފައިނުވެއެވެ.

ޑރ.ޝަހީމަކީ ރައީސް ޔާމީންގެ ނިމިދިޔަ އިންތިޚާބުގެ ރަނިން މޭޓެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓާއިމެދު ގޮތްތަކެއް ނިމިގެންދަނީ މާދަމާ ސްޕްރީމް ކޯޓުން ރައީސް ޔާމީންގެ މައްސަލާގައި ނިންމަވާ ގޮތެއްގެ މައްޗަށެވެ. ޕީއެންސީގެ ޓިކެޓް މުއިއްޒު ކާމިޔާބު ކުރައްވާފައިވާއިރު، ޑރ.ވަހީދު ވަނީ ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅުއްވާފައެވެ.