މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދ.އަތޮޅަށް ކުރަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްފިއެވެ.

"އުފާވެރި އަމާން ކެމްޕެއިން" ގެ ތެރެއިން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި މިއަދު ޒިޔާރަތްކުރަން ހަމަޖެހިފައިވަނީ ދ އަތޮޅުގެ ހަ ރަށަކަށެވެ. އެއީ މީދޫ، ރިނބިދޫ، ބަނޑިދޫ، ހުޅުދެލި، މާއެނބޫދޫ އަދި ކުޑަހުވާދޫއެވެ.ނަމަވެސް މޫސުން ތަން ނުދިނުގެ ސަބަބުން މި ދަތުރުފުޅުތައް ވަނީ ފަހަށް ލަސްކުރައްވާފައެވެ.

ރައީސް ކުރައްވާ މި ދަތުރުފުޅުތަކުގައި އެރަށް ރަށުގެ ކުރިޔަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށް ހިދުމަތް ދޭން ފެށުމުގެ ތައްޔާރީތައް ފާހަގަކުރުން ހަމަޖެހިފަވެއެވެ. މީގެތެރެއިން ކުޑަހުވާދޫގައި ކެމްޕެއިންގެ ބޮޑު ޖަލްސާއެއް ބާއްވަ ހަމަޖެހިފައިވެއެވެ.

މިއަދުގެ ދަތުރުފުޅު ފަސްކުރެއްވި ނަމަވެސް މޫސުން ރަނގަޅުނަމަ ދަތުރު އަލުން ފެށުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

މި ކެމްޕެއިންގެ ދަށުން ރައީސް ވަނީ މިދިޔަ މަހުގައި ށ.އަތޮޅަށް ޒިޔާރަތްކުރައްވާފައެވެ. އަދި ދ.އަތޮޅުގެ ދަތުރަށްފަހު ހުވަދު އަތޮޅަށް ޒިޔާރަތްކުރަން ހަމަޖެހިފައިވެއެވެ.