ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، މިމަހުގެ 1 އިން ފެށިގެން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެ ކަމަށް ލަފާ ކުރަމުން ގޮސްފައިވާ ކަމަށެވެ.
އިއްޔެ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ރައްތަކަށް އުދަ އަރާފައިވަނީ ބޮޑު ދިޔަވަރުގައި އޮޔާއި ވަޔާއިއެކު ރާޅު ބާނީގެ އުސްމިން 6 ފޫޓާއި 8 ފުޓާއި ދެމެދު އުފުލުމުން ކަމަށްވެސް މެޓުން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް، ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރައްތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ، އެންމެހައި ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށް މެޓުން އެދިވަޑައިގަންނަވައެވެ.
މީގެއިތުރުން މެޓުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދުސަމާލުވެސް ނެރެފައެވެ. އެ ސަމާލުގެ ގަޑި ހަމަވާނީ މިރޭ 19:00އަށެވެ.
ހއ. އިން ފެށިގެން ޅ. އަތޮޅާއި ހަމައަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާ ގަޑިއަކީ މިއަދު 14:53 ހާއިރުއެވެ. އަދި އެންމެ ތިރި ވާނީ މިރޭ 9:35 ގައެވެ. މެދު ރާއްޖެތެރެއަށް، އެއީ ކ. އަތޮޅުން ތ. އަތޮޅާއި ހަމައަށް ދިޔަވަރު އެންމެ ބޮޑުވާ ގަޑިއަކީ 15:46 ގައެވެ. އެންމެ ތިރިވާނީ 22:14 ގައެވެ. ރާއްޖޭގެ އެންމެ ދެކުނުން ލ. އަތޮޅުން އައްޑޫއާއި ހަމައަށް، ދިޔަވަރު އެންމެ ބޮޑުވާނީ 16:42 އާއި ހަމައަށެވެ. އެންމެ ތިރި ވާނީ 23:01 ގައެވެ.
މާލެ އިރުމަތީ ފަރަތަށް ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުމުގައި މިދުވަސްވަރު އުދައެރުމަކީ އަބަދުވެެސް ދިމާވާ ކަމެކެވެ.