މެންދުރުފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި، ޒަރުރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން އެހެން އިލްތިމާސް ކުރީ މިއަދުވެސް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް ލަފާކޮށްފައިވާތިއެވެ.

އަދި މި ވަގުތުތަކުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރެއްމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރައްކާތެރިކަމަށް އިސްކަންދެއްވާ، މާލެ އާއި ހުޅުލެ ނުވަތަ ހުޅުމާލެ އާ ދެމެދު ޒަރޫރީ ދަތުރުތައްވެސް ކުރައްވާއިރު، ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ފެރީ ހިދުމަތް ހިޔާރު ކުރައްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.

އަދި ދިމާވާ ހާލަތެއްގެ ސަބަބުން، ތިޔަބޭފުޅުންނަށް އެހީތެރިވެދީ، ޓްރެފިކް ޑައިވަރޓް ކުރަންޖެހިއްޖެ ނަމަ އެކަން ކުރުމަށްޓަކައި ފުލުހުންގެ އޮފިސަރުން އެސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) ވަނީ ބުނެފައެވެ. އަދި މިރޭގެ 7 ހަމައަށް މުޅިރާއްޖެއަށް އުދައަރާނެ ކަމަށް ލަފާކޮށް، މެޓުން ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.