މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމުން ބޮއިކޮޓް ނުކުރަން އެޕާޓީގެ ސެނެޓުން ނިންމައިފިއެވެ. އަދި ޕީއެންސީ އިން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓްގެ ކެންޑިޑެސީ ފޯމު ހުށަހަޅާ ގޮތަށްވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ސެނެޓުން ނިންމާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ޕީޕީއެމުން މިނިންމުން ނިންމާފައި ވަނީ ސެނެޓް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 67 ސެނެޓަރުންގެ އިއްތިފާގަކުންނެވެ. ބާކީ 46 ސެނެޓުން ވޯޓު ދިނީ އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން ރައީސް ޔާމީން ވަނީ، ސުޕްރީމްކޯޓުގެ އަޑުއެހުމަށްފަހު، އެމަނިކުފާނުގެ ވަކީލުން މެދުވެރިކުރައްވައި ޕީޕީއެމްގެ ލީޑާޝިޕަށް ދެއްވި ނޯޓެއް މެދުވެރުކޮށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމުން ބޮއިކޮޓް ކުރަން އަންގަވައިފައެވެ.

ނޯޓުގައި ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށާއި އަދި ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުންވެސް އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް ޕީޕީއެމްގެ ލީޑާޝިޕުން ވަނީ މަޝްވަރާ ކުރުމަށް ސެނެޓް ބައްދަލުވުމެއް ބާއްވާފައެވެ.

އިންތިހާބު ބޮއިކޮޓް ކުރުމަށް ބައެއް ސެނެޓުން ދެކޮޅު ހެދުމުން، ސެނެޓް ބައްދަލުވުން ހޫނުވެ، މެދުކަނޑާލަން ޖެހުނު ނަމަވެސް ފަހުން ގަޑިއެއްހާ އިރުގެ ބަހުސަކަށްފަހު ވަނީ ވޯޓަށް އަހައިފައެވެ. އެގޮތުން ސެނެޓް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 67 ސެނެޓަރުން ވޯޓު ދިނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް ވޯޓް ދިނީ 46 ސެނެޓުންނެވެ.

ސެނެޓް ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު އެތަނަށް އެހެން ބަޔަކު ވަން މައްސަލައެއް ޕީޕީއެމްގެ ފަރާތުން ފުލުހުަށް ގުޅުމާ ގުޅިގެން ފުލުހުންވެސް އެތަނަށް ހާޒިރުވެ ހަރަކާތްތެރިވެފައެވެ.