ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުް ވާދަކުރެއްވުމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ނިންމަވައިފިއެވެ.

ފާރިސްގެ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތުގެ މަތިން ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މަގްސަދުގައި އިންތިހާބުގައި ވާދަަކުރައްވަން ނިންމެވިކަމަށާއި އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށެވެ.

މިމަހު 25 ވަނަ ދުވަހު، އެމަނިކުފާނު ވަނީ އަމިއްލަ ގޮތުން ވާދަ ކުރައްވަން ހުށަހަޅަން ޖެހޭ 1,500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މީގެއިތުރުން އީސީއަށް ހުށަހަޅަން ބޭނުންވާ އަދަދަށް 1،500 މީހުންގެ ތާއީދު ސޮއި ފާރިސް މިހާރު ހަމަކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އިތުރަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއާރުއެމުން ވަނީ ވިދާޅުވެފައެވެ.

އެމްއާރްއެމްގެ ރިޔާސީ ކެންޑިޑޭޓް އަހްމަދު ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސައިފައިވަނީ އިސްމާއިލް ޒަބީހެވެ.

އެމްއާރުއެމްއަކީ، ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބެންޖެހޭ އަދަދަށް މެމްބަރުން ހަމަ ނުކުރެވިގެން، އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައިވާ ޕާޓީއެކެވެ. އެހެންނަަމަވެސް އެޕާޓީން ކޯޓަށް ދިއުމުން، ކޯޓުގެ ވަގުތީ އަމުރަކުން، އެޕާޓީ އުވާލުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.