އަމީނީ މަގުގައި އެންމެ ފަހުން ތާރު އެޅި ހިސާބު އާއްމުންނަށް ހުޅުވާލައިފިއެވެ.
މިއަދު އެކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ސަރަހައްދު އާއްމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
އާރްޑީސީން، އަމީނީ މަގުގައި އެންމެ ފަހުން ތާރު އެޅީ ބިލަބޮންގް ސްކޫލުން ފެށިގެން ގިޔާސުއްދީން ސްކޫލާއި ހަމައަށެވެ.
މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ ތާރު އަޅާނެކަމާއި ބަސް ހުއްޓިތަކާއި ޕާކިން ޒޯނުތައް ހެދުމާއި މަގުބައްތި ހަރުކުރުމާއި، ގަސް އިންދައިގެން ފެހިކުރުމަށް 'ޓްރީ ޕިޓް' ބެހެއްޓުން ހިމެނެއެވެ. އަދިހަމައެހެންމެ އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި ކޭބަލް އެޅުމަށްޓަކައި މަގުގެ ދެ ފަޅީގައި ކޭބަލް ޓްރޭ ހަދާނެ އެވެ. މިއާއެކު އެޗްވީ ކޭބަލަށް ހާއްސަކޮށްގެން ޖަންކްޝަންތަކެއް ބަހައްޓާނެ ކަމަށާއި ވީލްޗެއާ އެކްސެސް ގާއިމް ކުރާނެ ކަމަށްވެސް އެކޯޕަރޭޝަނުން ހާމަކުރެއެވެ.
އެ އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި ތާރު އެޅުމުގެ މަސައްކަތް ފެށްޓީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެމަސައްކަތް ވަނީ އަނެއްދުވަހުގެ ރޭ ނިންމާލާފައެވެ. މިއީ 12 ސެޕްޓެމްބަރ 2022ގައި ފެށުނު "ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ" އަމަލީމަސައްކަތް ފެށުނު ދުވަހުން ފެށިގެން އެތައް ދައްޗަކާއެކުވެސް އާރްޑީސީން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ހާމަކޮށްދޭ ކަމެކެވެ.