އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތުން ހުށަހެޅި ކުރިއަށް އޮތް ރިޔާސީ އިންތިހާބބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށްލާން ޖެހޭ ކެންޑިޑެސީ ފޯމު ބަލައިގަނެ، ރައިށް ސާލިހު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝަރުތު ހަމަވާ ކަމަށް އީސީއިން ނިންމައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި އެ ކޮމިޝަންގެ ފަރާތުން ބަލައި ޗެކުކުރި އިރު، ގާނޫނުގައިވާ ގޮތުގެ މަތިން އެ މަނިކުފާނު ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އެ ކޮމިޝަނުން މިރޭ ގަބޫލުކޮށްފައިވާ ކަމަށެވެ.
ރައީސް ސާލިހުގެ ފަރާތްޕުޅުން އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު އީސީއަށް ހުށަހެޅުއްވީ ރައީސްގެ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒް އާއި ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ރައީސް ސާލިހުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމެވެ.
އެންމެ ފުރަތަމަ ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އީސީން ވަނީ ބަލައިނުގަތުމަށް ނިންމައިފައެވެ.
އީސީން ޔާމީންގެ ކެންޑިޑެސީ ބާތިލު ކުރި މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ވަނީ ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށް ހުކުމްކޮށްފައެވެ. އެއާއެކު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމުގެ ދޮރު ވަނީ މުޅިން ބަންދުވެފައެވެ. ހުކުމް އިއްވި ފަހުން ޔާމީން ވަނީ ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ގޮވާލައްވާފައެވެ. އަދި އަނެއްކޮޅުން ޕީޕީއެމްގެ ސެނެޓުން ނިންމީ ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކޮށް އިންތިހާބަށް ނުކުތުމަށެވެ.