ރިޔާސީ އިންތިޚާބު ބޮއިކަޓް ކުރުމަށް ރައީސް ޔާމީން ފޮނުއްވި މެސެޖާ ގުޅިގެން، އިތުރަށް އެމަނިކުފާނާ މަޝްވަރާ ކުރުމަށް އިދިކޮޅުލީޑާޝިޕުން ނިންމައިފިއެވެ.

ރައީސް ޔާމީން ވަނީ މިއަދު ޕީޕީއެމްއަށް އިންތިޚާބު ބޮއިކަޓް ކުރަން އެދިވަޑައިގަންފައެވެ. އެމަނިކުފާނު ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގާފައިވަނީ މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ވަކީލުން މެދުވެރިކުރައްވައި ޕީޕީއެމްގެ ލީޑާޝިޕަށް ދެއްވި ނޯޓެއްގައެވެ.

އަދި އެ ނޯޓުގައި އެމަނިކުފާނު އެދިވަޑައިގެންފައިވަނީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. ނަމަވެސް އިދިކޮޅު ސެނެޓުން ނިންމާފައިވަނީ ލަފާ ޤަބޫލުނުކޮށް, އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް, މާލޭ ސިޓީ މޭޔަރު މުއިއްޒު ނެރޭށެވެ.

ސެނެޓްގައި ނެގުނު ވޯޓުގައި އިންތިޚާބު ބޮއިކޮޓް ކުރުމަށް ވޯޓުދެއްވީ، 46 މެމްބަރުން، އިންތިޚާބުގައި ބައިވެރިވުމަށް ވޯޓު ދެއްވީ، 67 މެމްބަރުންނެވެ.