19 ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރުން މިމަހު 28 ވަނަ ދުވަހުގެ ރޭ

0
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ ތެރޭގައި

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި މެމްބަރުން ހުވާކުރުމުގެ ޖަލްސާ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ބާއްވަން މަޖިލީހުގެ ސެކްރެޓޭރިއަޓުން ނިންމައިފި އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާއަށް މައުލޫމާތުދެއްވައި ވިދާޅުވީ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ 28 ވަނަ ދުވަހުގެ ރޭ 9:30 ގައި ކަމަށާއި އެ ރަސްމިއްޔާތު އޮންނާނީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށެވެ.

އާ ރައްޔިތުންގެ މަޖިލިސް ހުވާ ކުރުމަށް ފަހު ފުރަތަމަ ޖަލްސާ ބާއްވާނެ ތާރީހެއް ކަނޑައަޅާނީ އޭނާ ވިދާޅުވި ގޮތުގައި އެރޭ ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުންނެވެ.

Advertisements

“މަޖިލިސް ހުވާކޮށް ނިމިގެން ހަމަ އެރޭ އެ ރަސްމިއްޔާތުގައި އޮންނާނެ ރިޔާސަތު ކަނޑައެޅުން. ދެން ރިޔާސަތުން ނިންމާނީ ފުރަތަމަ ޖަލްސާ ބާއްވާނެ ތާރީހެއް،” ޒިޔާއު ވިދާޅުވި އެވެ.

އާ މަޖިލީހުގެ ސާފު މެޖޯރިޓީ ލިބިފައި ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ސިޔާސީ ޕާޓީ އަކަށް ރައްޔިތުންގެ މަޖިލިހުން މިހާ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

Advertisements