އިޒްރޭލުގެ ހައްދުފަހަނަ އެޅި ސިފައިން ސީރިއާގެ ވެރިރަށް ދިމިސްގް ކައިރިއަށް ރޭ ދަންވަރު ދިން މިސައިލް ހަމަލާއެއްގައި ސީރިއާގެ 4 ސިފައިން މަރާލައި އިތުރު ހަތަރު ސިފައިން ޒަހަމް ކޮށްލައިފިއެވެ.

ސީރިއާގެ ރަސްމީ ނޫސް އެޖެންސީ "ސަނާ" އިން ބުނީ އިޒްރޭލުން ހަމަލާ ދިނީ ހިފާފައިވާ ސރިއާގެ ގޯލާންގެ އުސްބިންތަކުގައި ތިބި އިޒްރޭލު ސިފައިން ބޭނުން ކޮށްގެން ކަމަށެވެ. އަދި އިޒްރޭލުން ފޮނުވާލި ބައެއް މިސައިލްތައް ސީރިއާގެ އެއާ ޑިފެންސް ސިސްޓަމްތަކުން ވައްޓާލިކަމަށްވެސް "ސަނާ" އިން ބުނެއެވެ.

އިޒްރޭލުން ގެންދަނީ ދޭތެރެ ދޭރެއިން ދިމިސްގެ ސިފައިންގެ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. މިދިޔަ މަހު ދިން މިފަދަ ހަމަލާއެއްގައި ސީރިއާ ސިފައިންގެ އިސް 2 އޮފިޝަލަކުވެސް މަރުވިއެވެ.

2011 ވަނަ އަހަރު ސީރިއާގައި ފެށުނު ދާޚިލީ ހަނގުރާމައަށްފަހު އެގައުމުގައި އެމެރިކާ އާއި ރަޝިޔާގެ ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ރަޝިޔާ ސިފައިން ހަރަކާތްތެރިވަމުން ދަނީ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދިފާއު ކުރުމަށްޓަކައި ސީރިޔާގެ ސިފައިންނާއެކުއެވެ. އެމެރިކާ އަސްކަރިއްޔާއިން ހަރަކާތްތެރިވަމުން އަންނަނީ ސީރިއާގެ އަސްކަރީ ބާރު ނޮފޯރާ ސަރަހައްދުތަކުގައެވެ.