އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރައްވައި، ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒުއަށް ތާއީދު ކުރައްވައިފިއެވެ.

ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި އާއްމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޖަމީލް ވަނީ ވިދާޅުވެފައެވެ. ޖަމީލް މިހެން ވިދާޅުވެ ވަނީ އެކްސް.ކޮމް ގައި ޓުވީޓެއް ކުރައްވާފައެވެ.

ޖަމީލް ވަނީ ރައީސް ޔާމީންގެ ނިންމެވުން ބަދަލު ކުރައްވައި މުއިއްޒުއަށް ތާއީދު ކުރައްވާފައިވާކަން ހާމަ ކުރައްވާފައެވެ.

"ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފަ. އަދި އަޅުގަނޑުގެ ފުރިހަމަ ތާއީދު ތިޔަކެނޑިޑޭޓުންނަށް ލިބިވަޑައިގަންނަވާނެ،"
ޖަމީލް

ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރުމުން އިންތިޚާބު ބޮއިކޮޓް ކުރުމަށް ތަކުރާރުކޮށް އެދިފައެވެ. ނަމަވެސް ޕްރޮގްރެސިވް ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ނިންމާފައިވަނީ އިންތިހާބުގައި ވާދަކުރުމަށެވެ. މިނިންމުން ރައީސް ޔާމީނަށް ފޮނުވުމުން ވަނީ ޖޮއިންޓް ސެނެޓްގެ ނިންމުމަށް ތާއީދު ކުރައްވައި މުއިއްޒުއަށް ތާއީދު ކުރައްވާފައެވެ.

ކަންތައް މިހެން އޮއްވައި މިއަދު ހެނދުނު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެވެ. މުއިއްޒުގެ ރަނިން މޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

އިދިކޮޅު ކޯލިޝަނުގެ މައިނޯރިޓީ ޕާޓީ، ޕީއެންސީން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ކަނޑައެޅީ އެ ކޯލިޝަނުގެ ރިޔާސީ ޓިކެޓު އަރުވާފައިވާ، ކުރީގެ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމައެވެ.