ރިޔާސީ އިންތިޚާބުގައި 65 ރިސޯޓަކާއި، ރާއްޖެއިން ބޭރުގެ 5 ޤައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި 65 ރިސޯޓުގެ އިތުރުން، އިންޑިޔާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަލަމްޕޫރު، އިނގިރޭސި ވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް އަބޫދާބީ ގައި ވޯޓުފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް ރިޔާސީ އިންތިހާބުގެ ވޯޓުލާ މީހުން ރީ-ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.
އީސީން ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެފައިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކާ ރަޖިސްޓްރީވުމަށް އެ ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީވެފައިވާނަމައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ.