އިންޓަނެޓަކީ އަސާސީ ޙިދުމަތަކަށް ހަދައި އަގުހެޔޮކުރާނަން – މިނިސްޓަރ މަލީޙް

0
އިންޓަނެޓްގެ އަގުހެޔޮކުރަން ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

އިންޓަނެޓަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި މުސްތަޤްބަލްގައި ފޯރުކޮށްދިނުމަކީ ޢަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުރެވެމުން އަންނަ މަސައްކަތުގައި އިންޓަނެޓް އަަސާސީ ޙިދުމަތެއްގެ ގޮތުގައި ހަދައި އަގު ހެޔޮކޮށް، އޭގެ މަންފާ އާއްމު ރައްޔިތުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ތެރެއިންކުރާ މުޢާމަލާތްތައް އަވަސްކޮށް، ލުއިފަސޭހަ މުޢާސަލާތީ ނިޒާމެއް ޤާއިމުކުރުމަކީ މިނިސްޓްރީ އޮފް އިންފޯރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ޢަމާޒެއްކަމަށް މިނިސްޓަރ މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 17ވަނަ ދުވަހު ފާހަގަކުރާ ބައިނަލް އަޤްވާމީ މުޢާސަލާތީ ދުވަހާއި ގުޅިގެން މިނިސްޓަރ މަލީޙް ދެއްވި ޙިތާބެއްގައި ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރަނީ މުޢާސަލާތީ ގޮތުން ދުނިޔެ ހޯދަމުން އަންނަ ކުރިއެރުންތަކާއި، މި ދާއިރާ ފުޅާކުރުމަށް އުފައްދާފައިވަ އިޖާދުތަކާއި، ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. މިއަދަކީ މި ދުވަސް ފާހަގަކުރަމުންއަންނަތާ 50 އަހަރު ފުރޭ ދުވަސްވެސްމެއެވެ.

Advertisement

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އެއްގޮތަށް ދިވެހި ރާއްޖެވެސް މުޢާސަލާތީ ރޮނގުން ކުރިއެރުންތައް ހޯދަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރ މަލީޙު ވިދާޅުވީ ޒަމާނީ މުޢާސަލާތީ ޚިދުމަތްތަކުގެ ބޭނުންހިފާ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން ފޯނާއި އިންޓަރނެޓުގެ ތަނަވަސްކަމާއި އެކު ޚިދުމަތްދޭ ހުރިހާ އިދާރާތަކެއް މުޢާސަލާތީ ވަޞީލަތްތަކަށް ބަރޯސާ ނުވާ އެއްވެސް އިދާރާއެއް ނެތް ކަމަށްވެސް މަލީޙު ވިދާޅުވިއެވެ.

މީގެތެރޭގައި ސްކޫލްތަކާއި، ސިއްޙީ ޚިދުމަތްތައް އެއްވިއުގައިން ގުޅާލުމާއި، ވިޔަފާރިގެ ގުޅުންތަކާއި، 24 ގަޑިއިރު ޚިދުމަތްދޭ ޕޯޓަލްތައް އުފެއްދުމާއި، ފައިސާގެ މުޢާމަލާތްތައްވެސް މިހާރު މުޅިންހެން ހިންގަނީ އޮންލައިންކޮށްކަން މިނިސްޓަރގެ ޙިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އޮފް އިންފޯމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލިޖީ މަލީޙް ޖަމާލް ދެއްވި ޚިތާބުގައި ވަނީ މުޢާސަލާތީ ވަސީލަތްތައް ރައްކާތެރިކަމާއިއެކު، އަދި އެންމެ ފައިދާވާނެހެން ބޭނުންކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކުރުމަށް، ޚިދުމަތްތައް ދެމުން އަންނަ ގޮތްތަކަށް ބަދަލުގެންނަން ޖެހޭކަމަށެވެ.

“އަމާޒަކީ ޒަމާނީ ބަދަލާއެކު އީ-ގަވަމަންޓް ނިޒާމުގެ ތެރެއިން، އޮންލައިންކޮށް ފަސޭހަކަމާއިއެކު ބޭނުންވަގުތަކު، ބޭނުންތާކު ހުރެގެން، ކިއުގާ ނުޖެހި، ކަރުދާހަށް ބަރޯސާވުންކުޑަކޮށް، ޚިދުމަތް ލިބޭނެ ގޮތް ހަދާދިނުން. މި މަސައްކަތުގެ ސަބަބުން ސަރުކާރުންދޭ ގިނަހިދުމަތްތަކެއް ލާމަރުކަޒީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ.” މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

” ތަޢުލީމީ މަންހަޖްގައި އައި.ސީ.ޓީ އަށް އިސްކަންދީ މިރޮގުން ދަރިވަރުން ބާރުވެރި ކުރުމައީ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ އިތުރު މަސައްކަތްތަކެއް ވަނީ ފެށިފަ.” މިނިސްޓަރ ވިދާޅުވިއެވެ.

އަދި މުޖުތަމަޢުގެ ބޭނުންތަކަށް ވިސްނައިގެން ދެމެހެއްޓެނިވި ގޮތެއްގައި މުޢާސަލާތީ ދާއިރާގެ ތަރައްޤީތައް ގެނައުމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ. މިކަމުގެ އަސާސަކަށް ވާންޖެހޭނީ އެއްވެސް ރަށެއް ބާކީ ނުކޮށް ޚިދުމަތް ދިނުންކަން މިނިސްޓަރގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here