ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދ. ކުޑަހުވަދޫ ފެނަކަ އޮފީހުގެ އައު ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ. އަދި، އެމަނިކުފާނު ވަނީ ދ. ކުޑަހުވަދޫއަށް ވަޑައިގެންނެވުމުގެ ކުރިން އިއްޔެ ދ. މާއެނބޫދޫއަށް ވަޑައިގެން އެ ރަށު ފުޓްސަލް ދަނޑު ހުޅުއްވައިދެއްވާފައެވެ.

އެމަނިކުފާނު މި މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވީ، އެމަނިކުފާނު މިހާރު ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ދ. ކުޑަހުވަދޫގައި ރައީސް މިއަދު ހުޅުއްވައިދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ އެތަނުގައި ހުރި 20 އަހަރު ކުރީގެ އޮފީސް ޢިމާރާތެއް ތަޅާލުމަށްފަހު، 40 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޖާގަ ތަނަވަސް އޮފީސް ޢިމާރާތެކެވެ.

އިއްޔެ ހުޅުއްވައިދެއްވި، ދ. މާއެނބޫދޫ ފުޓްސަލް ދަނޑަކީ އެރަށު ޒުވާނުން ބޭނުންވާގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެކެވެ. މި ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދަވާފައި ވަނީ އާރް. ޖޭ. އިންޓަރނޭޝަނަލް ލިމިޓެޑާ ޙަވާލުކުރައްވައިގެނެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.