ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޓް ޓްރަމްޕްބަލި ގަބޫލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެމަނިކުފާނު ކާމިޔާބު ކުރެއްވި ނަމަވެސް ސުޕްރީމް ކޯޓުން އެ ބުރުގެ ނަތީޖާ ބާތިލުކޮށް އެމަނިކުފާނު ބަލިކުރެވެން އޮތް ހުރިހާ ކަމެއް ކުރެއްވި ކަމަށެވެ.
އެ ހުރިހާ ކަމެއް ކުރެއްވި ނަމަވެސް ގައުމުގެ ހަމަޖެހުމަށްޓަކާ ބަލި ގަބޫލުކުރެއްވި ކަމަށާއި އެމެރިކާގެ އިންތިހާބު އެއާ ހިލާފަށް ދިޔައީ އަމާންކަމާއެކު ކަމަށް ނަޝިދު ވިދާޅުވިއެވެ.
ކޮންގްރެސްގައި ވޯޓް ކުރިއަށް ދަނިކޮށް ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްރަމްޕް ވާހަކަ ދެއްކުމާ ގުޅިގެން ފަހުން ޓްރަމްޕަށް ތާއީދުކޮށް ކޮންގްރެސްގައި ތިބި މެންބަރުންގެ އަދަދުވެސް މަދުވިއެވެ.
މި ހަމަނުޖެހުންތަކަށް ފަހުގައި ވެސް އެމެރިކާގެ ކޮންގްރެސްގެ ވޯޓް ލުން ނިންމައި، ޓްރަމްޕްގެ ނައިބު ރައީސް މައިކް ޕެންސް ވަނީ އިންތިހާބީ ރައީސް ޖޯ ބައިޑަންއާއި އިންތިހާބީ ނައިބު ރައީސާ ކަމަލާ ހައްރިސްއަކީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ގޮތުގައި އިއުލާން ކުރައްވައިފައެވެ.