ދ. ކުޑަހުވަދޫ އަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއްޔެ ކުރެއްވި ދަތުރުފުޅާ ގުޅުވައި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަހުމަދު މައުރޫފްގެ އަމިއްލަ ގޭގައި ޝުއޫރު ފާޅުކުރައްވަމުން ދަނިކޮށް ހައްޔަރުކޮށްފިއެވެ.

އަހުމަދު މައުރޫފް, އަމިއްލަ ގޭގެ ޓެރެސްގައި, ޝުއޫރު ފާޅުކުރައްވަމުން ގެންދެވީ މައިކް އަކާއި ތާޅަފިއްޔެއް ބޭނުން ކޮށްގެންނެވެ. މިގޮތަށް ޝުއޫރު ފާޅުކުރަމުން ދަނިކޮށް ހައްޔަރުކުރި ކުރުން ކުށްވެރި ކޮށް ދަ ޑިމޮކްރެޓްސްއިން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

އަހުމަދު މައުރޫފު ހައްޔަރު ކުރުމާ ގުޅިގެން އަމްރު ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

"ކުޑަ ހުވަދޫ ކައުންސިލަރު މައުރޫފް ހައްޔަރު ކުރުމަކީ ހުތުރު ކަމެއް. އަދި މައުރޫފް ވަގުތުން ދުކޮށްލަން ގޮވާލަން." އަމްރު ވިދާޅުވިއެވެ.

ހަމައެހެންމެ ޑިމޮކްރެޓްސް އިން ބުނީ، އެންމެ ފަހުން ފުވައްމުލަކު ސިޓީއަށްވެސް ރައީސް ސާލިހު އަރައިވަޑައިގަތީ، ރަޔަޓުގިޔަރުގައި ތިބި ފުލުހުންނާއި، ސިފައިން ލައްވާ ރައްޔިތުންގެ އޮބަހައްޓައިގެން ކަމަށާއި ދ. ކުޑަހުވަދޫ އިންވެސް ރޭ ފެނުނީ އެ މަންޒަރު ކަމަށެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުގައި މި ސަރުކާރާ ދެކޮޅަށް ސުލްހަވެރިގޮތުގައި އަޑު އުފުލަމުންދާ ރައްޔިތުން ހައްޔަރުކުރުންފަދަ އަނިޔާވެރި، ހުދުމުހުތާރު އަމަލުތައް ހުއްޓާލުމަށް ޑިމޮކްރެޓްސްއިން ވަނީ ގޮވާލާފައެވެ.