އެންމެފަހުގެ ވަރލްޑް ކަޕުގައި ޕޯޗުގަލް ގައުމީ ޓީމުން ފާހަގަ ކުރެވުނު ފޯވާޑް ގޮންކެލޯ ރާމޮސް ފްރާންސްގެ ޕީއެެސްޖީއަށް އަދި ބަޔާން މިޔުނިކަށް ކުޅެމުންދިޔަ ސްވިޓްޒަލޭންޑުގެ ތަޖުރިބާކާރު ކީޕަރު ޔާން ސޮމާ އިޓަލީގެ އިންޓަމިލާނަށް މިއަދު ސޮއި ކޮށްފިއެވެ.
މިދިޔަ ސީޒަނުގައި މެނުއަލް ނޯޔާއަށް އަނިޔާވުމުން މުހިއްމު ގިނަ މެޗުތަކެއްގައި ބަޔާންގެ ގޯލު ބެލެހެއްޓި ސޮމާ،34، އިންޓަމިލާނަށް ސޮއި ކުރީ 6 މިލިޔަން ޓްރާންސްފާ ފީ އެއްގެ ދަށުން 2026 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. އިންޓައިން ސޮމާ އެކްލަބަށް ގެނެސްފައި މިވަނީ އެކްލަބަށް ކުޅެމުންދިޔަ ކީޕަރު އޮނާނާ މެންޗެސްޓަރ ޔުނައިޓެޑަށް މިސީޒަނުގައި ބަދަލުވުމުންނެވެ.
ރާމޮސް،22، ޕީއެސްޖީއަށް ސޮއި ކުރީ ލޯން އެއްބަސްވުމެއްގެ ދަށުން މިސީޒަނުގެ ނިޔަލަށެވެ. ބެލެވޭ ގޮތުގައި މިއީ ޕީއެސްޖީއިން ކިލިއަން އެމްބައްޕޭ ވިއްކާލުމުގެ ކުރިން ހޯދި ރިޕްލޭސްމެންޓެކެވެ. މިއެއްބަސްވުމުގެ ދަށުން ސީޒަން ނިމުމުން ދާއިމީ އެއްބަސްވުމެއްގެ ދަށުން ރާމޯސްއާއެކު ކޮންޓްރެކްޓް ހެދުމުގެ ފުރުސަތު ޕީއެސްޖީއަށް ލިބިދެއެވެ.
ރާމޯސް ވަނީ ނިމިދިޔަ ސީޒަނުގައި ބެންފީކާއަށް ކުޅެދިން 47 މެޗުގައި އެކްލަބަށް 27 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ޔޫރަޕުގެ ބޮޑެތި ކްލަބުތަކުގެ ލޯ، ރާމޯސްއަށް އަމާޒުވީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސްވިޓްޒަލޭންޑް އަތުން 6-1 އިން މޮޅުވި މެޗުގައި ހެޓްރިކް ހެދުމުންނެވެ. މިމެޗަށް ޕޯޗުގަލްގެ އޭރުގެ ކޯޗް ފެނާންޑޯ ސަންތޯސް އޭނާ ނެރުނީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދާފައެވެ.